މެމްބަރު ނިޒާރުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ. އަލީ ނިޒާރުގެ ފޯނު ހިފަހައްޓާފައި ވަނީ މިރޭ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާސްއަށް އޭނާ ހާޒިރުކުރެއްވުމަށްފަހު އެވެ. ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވައި ނެރެފައިވާ ކޯޓު އަމުރުގައިވާގޮތުން ނިޒާރުގެ ފޯނު ހިފެހެއްޓުމުގެ އަމުރު ނެރުނީ ފޯނުކޯލްތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދުމަށެވެ. އަލީ ނިޒާރުގެ ފޯނާއި ސިމްކާޑާއި މެމޮރީ ކާޑު 90 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ކޯޓު އަމުރުގައި ވަނީ ފުލުހުންނަށް ހުއްދަދީފައެވެ. އޭނާގެ ފޯނުކޯލުތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދަން ބޭނުންވާ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ ގާނޫނު ތަންފީޒުކުރާ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، ދަތިކޮށް، ފުލުހުންނަށް ހަމަލާދިނުމަށް ހިތްވަރުލިބޭގޮތަށް ސޯޝަލް މީޑިއާގައި ޓްވީޓެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކި ގަރީނާ ހޯދުމަށެވެ. އެ މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ. މިކަމާބެހޭގޮތުން އަލީ ނިޒާރުގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ