ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) ގެ ސެންޓަރުތަކަށް މަސް ނުކިރާ ދޯނިފަހަރަށް ލިމިޓުކޮށްގެން އައިސް ވިއްކަން ފެށުމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިފްކޯއަށް މަސް ނުކިރާ ދޯނިތަކަށް ދުވާލަކު ދެ ޓަނު އައިސް ވިއްކަން އެ ކުންފުނިން ނިންމީ މިދިޔަ ޖޫން 28، ގަ އެވެ. މިފްކޯއިން އެ ނިންމުން ނިންމިއިރު، އެ ކުންފުންޏަށް ބޮޑު ކަންނެލި ގަންނަމުން ދަނީ ޕްރައިވެޓު ކުންފުނިތަކާ އަޅައިބަލާއިރު ވަރަށް ދަށް އަގެއްގަ އެވެ. އެހެންވެ، ބޮޑު ކަންނެލި މަސްވެރިކަން ކުރާ ގިނަ ދޯނިފަހަރުން މިފްކޯއަށް މަހެއް ނުކިރަ އެވެ.
ބީކޭއެމްޔޫ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިފްކޯއަށް މަސްނުކިރާ ދޯނިތަކަށް ދުވާލަކު ދެ ޓަނު އައިސް ވިއްކާ ގޮތަށް ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ދެ ޓަނު އައިސްއަކީ ދުވާލެއްގެ މައްޗަށް ކަންނެލި މަސްވެރިންނަށް މަދު މިންވަރެކެވެ. އެހެންކަމުން އެ ގަވާއިދު ބަދަލުކޮށް މަސްވެރިން މަހަށް ފުރަން ދަތި ނުވާ މިންވަރަށް އައިސް ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން އެދި ދަންނަވަން،" އެ ބަޔާނުގައި ބުންޏެވެ.
މިފްކޯއަށް މަސް ގަންނަމުން ދަނީ 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20ރ. އަށް ކިލޯއެއްގެ މަގުންނެވެ. އަދި، 15 ކިލޯއަށްވުރެ މަތީގެ ކަންނެލި އެ ކުންފުނިން ގަންނަމުން ދަނީ ކިލޯއެއް 25ރ. ގެ މަގުންނެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އެއްވެސް ދަތިކަމެއް ނެތި އައިސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔަސީ ވައުދެއް ކަމަށްވާއިރު، ދަތިކަމެއް ނެތި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސައި ދިނުމަށް ބީކޭއެމްޔޫއިން ގޮވާލައިފައިވެ އެވެ.
މިފްކޯއަށް މަސް ނުކިރާ ދޯނިތަކަށް ލިމިޓުކޮށްގެން އައިސް ވިއްކަން ފެށުމުން ބީކޭއެމްޔޫގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ