ހައްޖު ކޯޕަރޭޝަނުން ގެސްޓުހައުސް ހިންގަން ސަރުކާރުގެ އިއުތިރާޒެއް ނެތް: ސައީދު

ދިވެހިން ހައްޖަށް ގެންދއުމަށް އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ގެސްޓުހައުސް ވިޔަފާރިއަށް ވަނުމަށް ސަރުކާރުން އިއުތިރާޒު ނުކުރާ މޭރުމަކުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވާހަކަ ދައްކަވައިފި އެވެ.
ވީ ކިހިނެއް؟ - ހައްޖު ކޯޕަރޭޝަނުން ޓޫރިސްޓު ހޮޓާ ހިންގުމުގެ ވިޔަފާރިއަށް ވަންނަންް އުޅޭކަން އިއުލާނުކޮށްފައިވާތީ، އެއީ އަމިއްލަ މީހުން ކުރާ ވިޔަފާރިއަކަށްވުމުން ހައްޖު ކޯޕަރޭޝަނުގެ އެ ނިންމުން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިނިސްޓަރު ސައީދުއާ މިއަދު ސުވާލު ކުރައްވައިފަ އެވެ.
ތަފްސީލް - މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ކުންފުންޏަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށެވެ.
ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އަސާސީގަވައިދުގެ މާއްދާތަކާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ އެ ކުންފުންޏަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ޖާގަ ލިބޭ ކަމަށެވެ.
ގުޅުން ހުރި - ހައްޖު ކޯޕަރޭޝަނުން ހަލާލު ޓޫރިޒަމްގެ ވިޔަފާރިކޮށްގެން ފައިސާ ހޯދުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ކަންތައް ބަލަހައްޓަމުން އަންނަނީ އިސްލާމިކް މިނިސްޓްރީންނެވެ. ޝަހީމް ވިދާޅުވެފައިވަނީ މިހާރު އޮންނަ ގޮތުން ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް އިސްލާމިކް މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ.
ދެން ވިދާޅުވީ ހައްޖަށް ދިއުމަށް މީހުން ދައްކާ ފައިސާ، އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހައްޖުގެ ހިދުމަތުގެ އަގުހެޔޮކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ދުރާލާ ރާވައިގެން އިންވެސްޓްމަންޓްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްޖު ކޯޕަރޭޝަނުން ކުރާ އިންވެސްޓްމަންޓްތަކަކީ އެއްވެސް ޝުބުހައެއް ނެތް އިންވެސްޓްމަންޓްތަކަކަށް ވާން ޖެހޭނެ. އެހެނީ ހައްޖަކީ ނުހަނު މަތިވެރި އަޅުކަމަކަށް ވާތީވެ. އެ އަޅުކަމުގެ ހިދުމަތް ދޭން ވެގެން ހޭދަކުރާ ފައިސާއަކީ ނުހަނު ތާހިރު އެއްޗަކަށް ވާން ޖެހޭނެ،" ޝަހީމް ވިދާޅުވެފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއް ނަގައިގެން، ރާއްޖެ ނޫނީ ބޭރުގެ ވެސް އިސްލާމީ އެހެން މުއައްސަސާއަކާ ގުޅިގެން ހަލާލު ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ ހިދުމަތުގެ އަގަށް ހެޔޮ ބަދަލެއް ގެނެވިދާނެ މަގަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ނިންމާފައިވަނީ ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް 'ހަލާލް ޓޫރިޒަމަށް' އިންވެސްޓު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ