އަދާވާތްތެރިންނާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމުގެ ވައުދާއެކު ސައޫދީ އާއި ޕާކިސްތާނުން ދިފާއީ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ދެ ގައުމުގެ ދެމެދުގައި މުހިންމު ދިފާއީ އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ.
ސައޫދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ސައޫދީގެ ވެރިރަށް ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި، ދެ ގައުމުގެ ދެމެދު ސޮއިކުރި  މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ދިފާއީ އެއްބާރުލުން އިތުރުކޮށް، އެ ދެ ގައުމުންކުރެ ގައުމަކަށް އެއްވެސް އަދާވާތްތެރިކަމެއް ކުރިމަތިވެއްޖެނަމަ، އެކަމާއި ދެކޮޅަށް އެކުގައި ކުރިމަތިލުމަށްޓަކައި ޤާބިލުކަން އިތުރުކުރުމެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، އެއްވެސް ޤައުމަކުން މި ދެ ޤައުމުގެ ތެރެއިން ޤައުމަކަށް އަދާވާތްތެރި ޢަމަލެއް ހިންގައިފިނަމަ އެއީ ދެ ޤައުމަށްވެސް ހިންގުނު އަދާވާތްތެރި ޢަމަލެއްކަމުގައި ބެލެވޭނެއެވެ. އަދި އެއްގައުމު އަނެއް ގައުމު ދިފާޢުކުރުމަށް އަދާވާތްތެރިންނާއި ދެކޮޅަށް މަސައްކަތް ކުރުމަށް މި އެއްބަސްވުމުގައި ވަޢުދުވެފައި ވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ވަލީއަހުދާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެމެދު ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހުގައެވެ. ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ސަރަޙައްދީ އަދި ދުނިޔޭގެ އަމަން އަމާންކަން ޤާއިމުކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތް ދައްކުވައިދޭ އެއްބަސްވުމެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި އެއްބަސްވުމަކީ ސައޫދީ އަރަބިއްޔާ އާއި ޕާކިސްތާނުގެ ގުޅުމުގެ މައްޗަށް ބިނާކޮށް، އިސްލާމީ އުޚުއްވަތްތެރިކަމާއި، މުހިންމު ސިޔާސީ މަޞްލަޙަތުތަކާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ދިފާއީ ގުޅުމުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ އެއްބަސްވުމެއްކަމަށެވެ.
ވަލީއަހުދުގެ ދަޢުވަތަކަށް ރަސްމީ ޒިޔާރަތެއްގައި ސައޫދީއަށް ވަޑައިގެންނެވި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ދެ ޤައުމުގެ އިސް ވެރިން ހިމެނޭ ވަފުދުތަކުގެ ބައިވެރިވުމާއެކު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އެކި ދާއިރާތަކުން އިސްތިރާޖީ ޝަރާކަތް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ