އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކަށް ކެތްނުކުރެވޭ ހިސާބަށް ހިނގައްޖެ: ސްޕެއިންގެ ރަސްގެފާނު
ގާހިރާ (17 ސެޕްޓެމްބަރު 2025): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ އިންސާނީ ޒަމީރަށް ކެތްނުވާވަރުގެ ބިރުވެރި އަނިޔާވެރި ގަތުލުއާންމުތަކެއް ކަމަށާއި މި ޖަރީމާތައް ހުއްޓުވަން ޖެހޭކަމަށް ސްޕެއިންގެ ރަސްގެފާނު ފިލިއްޕޭ ހަވަނަ ވިދާޅުވެއްޖެއެވެ. މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސްޕެއިންގެ ރަސްގެފާނު ފިލިއްޕޭ ވިދާޅުވީ ޣައްޒާގައި ހިންގަމުން ގެންދާވަރުގެ ޖަރީމާތަކެއް ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ދެކިފައި ނުވާކަމުގައެވެ. ފިލިއްޕޭ ވިދާޅުވީ ޣައްޒާގެ ދެމިލިޔަން މީހުން ތަހައްމަލް ކުރަމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ވޭނާއި ކެކުޅުމަކީ އޭގެ މަންޒަރުތައް ދެކެންވެސް އިންސާނީ ޒަމީރަށް ކެތްނުވާވަރުގެ ލާއިންސާނީ ޖަރީމާތަކެއް ކަމުގައެވެ. "ޣައްޒާއަށް ބޮންއަޅައިގެން މީހުން މެރުމާއި ބަނޑަށް ޖައްސައިގެން މީހުން މެރުމަކީ އިންސާނީ ޒަމީރު އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއްނޫން،" މިސްރުގައި ދިރިއުޅޭ ސްޕެއިން މީހުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފިލިއްޕޭ ވިދާޅުވިއެވެ. މިއީ ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި ޔޫރަޕްގެ ރަސްކަލަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ސްޕެއިންގެ ރަސްގެފާނު ޣައްޒާގެ އާންމުންނަށް ހަމްދަރުދީ ފާޅުކުރައްވައި ވާހަކަ ދެއްކެވިއިރު ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގެންދަވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ކުށްވެރި ކުރައްވައި އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުންނެވެ. ސަންޗޭޒްގެ ސަރުކާރުންވަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި އިސްރާއީލުގެ ހަތިޔާރު ގަތުމަށް ސްޕެއިނުން ވެފައިވާ އެއްބަސްވުންތައް އުވާލުމާއި ސްޕެއިންގެ ހަތިޔާރު އިސްރާއީލަށް ވިއްކުމާއި އިސްރާއީލުގައި އުފައްދާ ދިފާއީ އަސްކަރީ އެއްވެސް ބާވަތެއްގެ ގަތުން މަނާކުރުން ހިމެނެއެވެ. ސްޕެއިންގެ ދިފާއީ ވުޒާރާއިންވަނީ އިސްރާއީލުގައި އުފައްދާ އެކިބާވަތުގެ ދިފާއީ ސްޕެއާޕާޓްސް ގަތުމަށް ކުރިން އެއްބަސްވެފައިވާ 700 މިލިޔަން ޑޮލަރުގެ ކޮންޓްރަކްޓެއް އުވާލާފައެވެ. އަދި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކާއި އިސްރާއީލުގެ ބައެއް ވަޒީރުންވެސް ސްޕެއިންއަށް ވަނުން އެގައުމުންވަނީ މަނާކޮށްފައެވެ. ޔޫރޯވިޝަން ލަވަ މުބާރާތުގައި ބައިވެރިކުރުމާ ދެކޮޅަށްވެސް ސްޕެއިނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެ މުބާރާތުގައި އިސްރާއީލު ބައިވެރި ކޮށްފިނަމަ ސްޕެއިން ބައިވެރި ނުވާނެކަމަށް ސްޕެއިންގެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސްޕެއިންގެ ސަރުކާރުން ގެންދަނީ ހުރިހާ ބާވަތެއްގެ ކުޅިވަރު މުބާރަތްތަކުން ވެސް އިސްރާއީލު އެކަހެރި ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުގެ ކުރީކޮޅު ސްޕެއިންވަނީ ފަލަސްތީނުގެ ދައުލަތަށްވެސް އިއުތިރާފް ވެފައެވެ. ސްޕެއިން ފަދައިން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގައި ހުޅަނގު ޔޫރަޕްގެ ގައުމެއްކަމަށްވާ އަޔަލޭންޑަކީވެސް ފާހަގަކޮށްލެވޭ ގައުމެކެވެ. އަޔަންލޭންޑުންވެސްވަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވެފައެވެ. އަދި އިސްރާއީލާއެކު ބާއްވަމުންދިޔަ އަސްކަރީ ގުޅުންތައް ކަނޑާލައި އިސްރާއީލުން ހަތިޔާރުގެ ބާވަތްތައް ގަތުމާއި އިސްރާއީލަށް ހަތިޔާރުގެ ބާވްތަތައް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. އަދި އިސްރާއީލުގެ ބައެއް ވަޒީރުން އަޔަލޭންޑަށް ވަނުންވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ޔަހޫދީ ޒަޔަނިސްޓުންގެ ބާރާއި ނުފުޒު ގަދަ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނު ފަދަ ގައުމުތަކުގެ ސަރުކާރު ތަކުން ގެންދަނީ މަތިމަތިން އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކޮށްފައި ސިއްރުން އިސްރާއީލަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކަށް އެހީތެރިވަމުންނެވެ. އިސްރާޢީލުންވަނީ ސްޕެއިންއަކީ އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނާމެދު ނަފްރަތު އުފައްދަން މަސައްކަތްކުރާ ނުބައި ގައުމެއްކަމަށް ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ