އެސްއީޒެޑް ގާނޫނު އިސްލާހު ކުރަނީ ނާޖާއިޒް ފައިދާތަކެއް ހޯދަން: އެމްޑީޕީ މެންބަރުން

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ގެ ގާނޫނު އަވަސް އަރުވާލައިގެން އިސްލާހު ކުރަން އުޅެނީ ސަރުކާރުން ނާޖާއިޒް ފައިދާތަކެއް ހޯދުމަށް ކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ތުހުމަތުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެސްއީޒެޑް ގާނޫނަށް މިދިޔަ މަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އެ ބިލު އަވަސްކޮށް ނިންމުމަށްޓަކައި މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މަސައްކަތް ފަށާފަ އެވެ.
ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި އޮތީ:
ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް
ތަފްސީލު - މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވީ މި ބިލު އަވަސް އަރުވާލައިގެން ފާސް ކުރުމަށް ޕީއެންސީ މެންބަރުން މަސައްކަތް ކުރައްވަމުންގެންދަވާތީ އެވެ. އެ މެންބަރުން ވަކާލާތު ކުރެއްވީ ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، ހިޔާލު ހޯދައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ބިލުގެ މަސައްކަތް ނިންމުމަށެވެ.
އެމްޑިޕީގެ މެންބަރުން ތިން ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އެއީ:
ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވީ، އަންނަ 1 ފެބްރުއަރީއަށް ބިލުގެ ސުންގަނޑި ކަނޑައެޅުމަށް
އޭގެ އިތުރުން މީކާއިލް ހުށަހެޅުއްވި އަނެއް ހުށަހެޅުއްވުމަކީ، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައެއް ބޭފުޅުން ހާޒިރު ކުރުމަށް؛ އޭގެ ތެރޭގައި ގުޅުން ހުރި މިނިސްޓްރީތަކާއި އިންޑަސްޓްރީ ބޭފުޅުން ގެނައުމަަށް ހިމެނުއްވި
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކޫޑޫ) ހުށަހެޅުއްވީ،  މިހާރު ހިނގަމުންދާ ޓޫރިސްޓު ހިދުމަތް ދޭ ތަންތަނާއި އާންމުކޮށް ޓޫރިސްޓުންނަށް ވިއްކާ ޕްރޮޑަކްތައް މި އިސްލާހުން އިސްތިސްނާ ކުރަން
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި ގޮތުގައި، އެމްޑީޕީން މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަނީ މީގެ ދަށުން އިންވެސްޓް ކުރާ މީހުންނަށް ޓެކްސްއަށް ލުއި ލިބި، މިހާރު ޓޫރިޒަމްއަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިތައް އަލަށް މި އަންނަ އިންވެސްޓަރުންނާ ވާދަ ކުރަން ޖެހޭތީ އެވެ. އޭގެ ސަބަބުން މިހާރު އިންވެސްޓްކޮށްފައިވާ ވިޔަފާރިތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިއީ ނ. އަތޮޅަށް އެމްޑީޕީ ސަރުކާުރުން ގެނެސްފައިވާ އިންވެސްޓްމަންޓަކަށް މިބޭފުޅުން އެ ޕްރޮޖެކްޓުން ޓެކްސް މާފްކޮށް، އޭގެން މަންފާތަކެއް ހޯދަން،" ވަކި އިންވެސްޓްމެންޓެއްގެ ނަމެއް ނުގެންނަވައި ޝަމްހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ތުހުމަތު ކުރެއްވި ގޮތުގައި، މި އިސްލާހު ގެންނަން އުޅެނީ ސަރުކާރުން އޭގެ ނާޖާއިޒް މަންފާތަކެއް ހޯދުމަށެވެ.
ނާޒިލް ވެސް ގޮވާލެއްވީ، މި ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގުޅުން ހުރި ފަރާތްތައް ގެނެސް، ހިޔާލުތައް ހޯދައިގެން ބިލުގެ މަސައްކަތް ނިމުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ