ރާއްޖެ-ފަލަސްތީނު ދެވަނަ މެޗު މިރޭ، ރަމްޒީ ޓިކެޓް ވެސް އެބަހުރި

ފަލަސްތީނާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު މިރޭ ގަލޮޅު ދަނޑުގައި އޮންނާނެ އެވެ. ފަލަސްތީނު ޓީމަށް އެހީވާން އެފްއޭއެމުން ނެރުނު ރަމްޒީ ޓިކެޓް ވެސް މިރޭގެ މެޗަށް ގަނެވޭނެ ކަމަށް، އެފްއޭއެމުން ބުންޏެވެ.
މިއީ މި މަހު ފަށާ އޭޝިއާގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވާން ތައްޔާރުވުމުގެ ގޮތުން ދެ ގައުމުން ކުޅޭ މެޗެކެވެ. ފަލަސްތީނު ހިމެނޭ ގްރޫޕްގެ މެޗުތައް އިންޑިއާގައި އޮންނާތީ ފަލަސްތީނުން އެދުނީ ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ބާއްވާށެވެ. އެގޮތުން އެ ޓީމު މާލޭގައި ތިބުމުގެ ހުރިހާ ހަރަދެއް ކުރަނީ ދިވެހި ސަރުކާރުންނެވެ.
އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް އެހީވާން 500ރ އާއި 1،000ރ.ގެ ރަމްޒީ ޓިކެޓްތަކެއް ދެ މެޗަށް ވެސް ނެރެފަ އެވެ. މެޗުުގެ ކުޅިބެލުން އޮންނާނީ ހިލެ އެވެ. ނަމަވެސް ރަމްޒީ ޓިކެޓް ގަނެގެން ވީއައިޕީ އާއި ރޮސްޓްރަމްއިން ފުރުސަތު ލިބޭނެ އެވެ.
ދެ މެޗަށް އެފްއޭއެމުން ކަނޑައެޅީ ރަމްޒީ 250 ޓިކެޓް ވިއްކާށެވެ އެއީ:
ޕްލެޓިނަމް 50 ޓިކެޓް: އަގު 1،000ރ (މި ޓިކެޓް ގަނެގެން ރޮސްޓްރޮމްގައި ތިބެވޭނެ)
ގޯލްޑް ޓިކެޓް 200: އަގު 500ރ (މި ޓިކެޓް ގަނެގެން ވީއައިޕީ ބައިގައި ތިބެވޭނެ)
މިރޭގެ މެޗުގެ ޕްލެޓިނަމް ޓިކެޓްތަކެއް ވިޔަފާވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ ބައްލަވައިގެންފަ އެވެ. އޭނާ އެ އެހީ ވެދެއްވީ ޗަމްޕާ ހޮޓެލްސްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
އެފްއޭއެމުން ބުނީ މިރޭގެ މެޗުގެ ރަމްޒީ ޓިކެޓް ލިބެން އެބަ ހުރި ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށް، އެފްއޭއެމުން ބުންޏެވެ.
އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އޮތީ ނިސްބަތުން ވަރުގަދަ ގްެރޫޕެއްގަ އެވެ. އެ ގްރޫޕްގެ މެޗުތައް ކުޅޭނީ ތައިލެންޑްގަ އެވެ. ރާއްޖެ ވާދަކުރާނީ:
22 ނޮވެމްބަރު: ރާއްޖެ/މޮންގޯލިއާ
24 ނޮވެމްބަރު: ރާއްޖެ/ތުރުކަމިސްތާން
26 ނޮވެމްބަރު: ރާއްޖެ/ތައިލެންޑް
28 ނޮވެމްބަރު: ރާއްޖެ/ކުވެއިތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ