ދުވަސް ނިންމައި ނިދުމުގެ ކުރިން ކޮންމެހެންވެސް ﷲ ތަޢާލާއަށް ދަންނަވަންޖެހޭ ދެންވުމެއް! ދެންނެވޭނަމަ އެމީހަކަށް ސުވަރުގެ! އިން ޝާ ﷲ

އަހުރެމެންގެ ތެރެއިން ރަނގަޅު ގޮތުގައި ދުވަސްފަށާ ގިނަބައަކަށްވެސް ދުވަސް ނިންމައިލެވެނީ ރަނގަޅަށް ކަމަށް ބުނަން އުނދަގުލެވެ. ލިބިފައި ހުންނަ ވަރުބަލިކަން ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. 
މީސްތްކުންނޭވެ! އަހުރެމެން ކޮންމެ މީހަކުވެސް ކޮންމެ ދުވަހެއް ނިންމައި ނިދުމުގެ ކުރިން ﷲ ތަޢާލާއަށް ދަންނަވަންޖެހޭ ދެންނެވުމެއް ވެއެވެ. އެދެންނެވުމަކީ: 
"ޔާ ﷲ! މިއަޅާ މިއަދުވެސް ހޭދަކުރީ އިނބަ ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގައެވެ. އިނބަ ﷲ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރަން މިއަޅާއަށް  ކުރެވުނުވަރަކަށް މަސައްކަތްކުރީމެވެ. 
މިއަޅާގެ ހަވާނަފްސް މިއަޅާގެ ކިބައިން އެދުނު އެއްވެސް ނުބައިކަމެއް ނުކުރަން މިއަޅާ ގަދައަޅައި މިއަޅާއަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރީ މިއަޅާ އިނބަ ﷲ ގެ ޙަޟްރަތަށް ލޯބިވާތީއެވެ. ކިޔަމަންތެރި އަޅަކަށްވާން ބޭނުންވާތީއެވެ. މިއަޅާއަކީ އިނބަ ﷲ އަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ދުނިޔެއާއި ވަކިވާން ބޭނުންވާތީއެވެ. މިއަޅާގެ ފުރާނަ އިނބަ ﷲ ގެ ޙަޟްރަތަށް އުފުއްލެވޭ ހިނދު މިއަޅާގެ ފުރާނައަށް އިނބަ ﷲ ގެ ރުހިވޮޑިގަތުން ލިބުމަށް އެދޭތީއެވެ. މިއަޅާގެ ފުރާނައަށް ރަޙްމަތް ލެއްވެވުން އެދޭތީއެވެ. 
އެހެންކަމާއިއެކުވެސް އިނބަ ﷲ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް މިއަޅާއަށް ކުރެވިފައިވާނަމަ އެކުށަކަށް ޢަފޫކުރައްވަވާނދޭވެ! އަދި މިއަދަށްވުރެ މިއަޅާގެ ކިޔަމަންތެރިކަން މާދަމާ އިތުރުކުރަން ތައުފީޤް ދެއްވަވާނދޭވެ! އާމީން." 
މިމޭރުމުން ދެންނެވޭނީ ވަރަށް އިޚްލާޞްތެރިކަމާއިއެކު އެކަމަށް މަސައްކަތްކުރެވޭ މީހުންނަށެވެ. ހަވާ ނަފްސް އެދޭ ކަންކަމުން ދުރުހެލިވެ ހުންނަން މަސައްކަތްކުރުމުގެ ގަދަ ޢަޒުމުގައި ދިރިއުޅެވޭ މީހުންނަށެވެ. 
ވިސްނާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ މާނައިގައި ކިޔަމަންތެރިވުމަށް އަންގަވާފައިވާއިރު އެކަމަށް ޢިޖާބަ ދެވުނުކަމަށްވާނީ މިބަޔާންކުރި ދެންނެވުމުގައިވާފަދައިން އެމީހެއްގެ ޢަމަލުތައް ބެހެއްޓި މިފަދައިން ކޮންމެ ދުވަހަކުވެސް ދެންނެވޭނެ މީހަކު ކަމުގައިވެވިއްޖެނަމައެވެ. އެފަދަ މީހަކު ކަމުގައި ވެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެވެ. ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ