ފ.ނިލަންދޫއަށް ބޯކޮށް ވާރޭވެހި އެރަށުގައި ފެންބޮޑުވެއްޖެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ނިލަންދޫގައި ފެންބޮޑުވެފައިވާކަން އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހި ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެނުގެ އަސަރު ކުރަމުން ދިއުމާ ގުޅިގެން، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
ނިލަންދޫއަށް މިއަދު މެންދުރުފަހުން ފެށިގެން ދަނީ ވިއްސާރަކުރަމުންނެވެ. އަދި އިރުއޮއްސެން އުޅެނިކޮށްވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.
ވޮއިސްއާ މައުލޫމާތު ހިއްސާކުރި އެރަށުގެ ރައްޔިތަކު ބުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަނޑުބޮޑުވެ، ކަކުލާ ހަމަޔަށް ފެންގަނޑު ބޮޑުވިކަމަށެވެ. ރަށުގައި ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ހިންދުމަށް ބޭނުންކުރާ ޖަންގްޝަންތައް ބަންޑުންވެ، މުޅި ރަށުތެރެއަށް ނަޖިސް ފެތުރުނުކަމަށް އޭނާ ފާހަގަކުރިއެވެ.
ޑްރެއިން ހޮޅިތެރެއިން ފެން އަރައި މިގޭ ފާހާނައިގައިވެސް ފެންގަނޑު ބޮޑުވެފައި އޮތީ. ފާހާނާ ބޭނުންކުރެވޭ ވަރެއްނޫން އަދިވެސް
ނިލަންދޫއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ނިލަންދޫއަކީ ނަރުދަމާ ނިޒާމްގެ މައްސަލަ ބޮޑު ރަށެކެވެ. ވިއްސާރަވުމުގެ ސަބަބުން މަގުމައްޗަށް ނަޖިސްފެން ބޭރުވެފައިވާއިރު، މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެމީހާ ބުންޏެވެ.
ނިލަންދޫގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށިއިރު، މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ގޯތިގެދޮރަށް ފެން ވަދެދާނެތީވެ، އެކަމުން ރައްކާތެރިވުމަށް ޑިޒާްސްޓާ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭ ރާއްޖޭގެ ބޮޑުު ސަރަހައްދަކަށް ވިއްސާރަ ކުރާނޭކަމަށް ލަފާކޮށް ރީނދޫ ސަމާލްވެސް ނެރެފައެވެ.
ފ.ނިލަންދޫއަށް ބޯކޮށް ވާރޭވެހި، ރަށް ފެނުއަޑީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ