ޚިޔާލު ހޯދާ ވޯޓު ނަގަންވާނީ އަމިއްލަ މަސްލަހަތު ފޮރުވާކަށް ނޫން: ދީދީ

ޚިޔާލު ހޯދުމުގެ ވޯޓަކީ ޣައިރު ދުސްތޫރީ އަމަލުތަކާއި އަމިއްލަ މަސްލަހަތު ފޮރުވައި ހިމާޔަތްކުރަން ނަގާ ވޯޓަކަށް ވެގެން ނުވާނެ ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ މިއަދު ވިދާޅުވެއްޖެއެވެ. ދީދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ވަކިކުރުމުން އެ މެންބަރުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށްފަހު، އެ މެންބަރުގެ ގޮނޑި ގެއްލޭނީ މެންބަރުގެ ދާއިރާއިން ފެންނަ ނުފެންނަ ވޯޓު ނެގުމުން ކަމަށް ޤާނޫނުއަސާސީއަށް އަކުރެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. ދީދީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެންބަރުން ވަކިކުރުމާ ގުޅޭ މާއްދާއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބޭނުމަކީ ޤާނޫނުއަސާސީގެ ސިފަތަކާ ޚިލާފަށް، ޕާޓީން ވަކިކުރުމުން މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މާޗް މަހު ޤާނޫނުއަސާސީއަށް ގެނައި ޣައިރު ދުސްތޫރީ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮއްވާ އެ ބަދަލު ސައްހަކުރުން ކަމަށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ވިޔަސް ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާ ޚިލާފަށް ފާސްކޮށްފައިވާ ބަދަލެއްގެ މައްޗަށް ބިނާކޮށް ކުރާ އެއްވެސް ކަމަކަށް ދުސްތޫރީ އަދި ގާނޫނީ އެއްވެސް ބުރަދަނެއް ނުލިބޭނެކަން ދީދީ ފާހަގަކުރެއްވިއެވެ. ދީދީ ލިޔުއްވިގޮތުގައި ރައްޔިތުންގެ މަޖިލީހަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އިސްލާހަކީ ރިކޯލް އިންތިޚާބެއް ކަމަށް ބެލި ކަމުގައި ވިޔަސް އެ މެންބަރަކު ނިސްބަތްވާ ޕާޓީއެއްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް، ނުވަތަ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވަކިކުރުމަށް ރިކޯލް އިންތިޚާބަކަށް ދިއުމަކީ ދުސްތޫރީގޮތުން ސައްހަ އިޖުރާއަތެއް ނޫނެވެ. ސަބަބަކީ ރިކޯލް އިންތިޚާބު ބާއްވަނީ ވަކި އިންތިޚާބީ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތްކުރުމުގެ ބަދަލުގައި އެ މެންބަރަކު އިންތިޚާބުވާ ޕާޓީގެ މަސްލަހަތަށާއި މާލީގޮތުން ނުފޫޒުގަދަ މަހުޖަނުންގެ މަސްލަޙަތަށް ކަމަށް އެދާއިރާގެ ރައްޔިތުންނަށް ގަބޫލުކުރެވިއްޖެނަމަ ކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ކަނޑައެޅޭ ވަކި ނިސްބަތެއްގެ ރައްޔިތުންގެ ހުށަހެޅުމަކަށް، އަދި ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ޖަމާކުރުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކި ކުރުމަށް އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގޭތީ ކަމަށް ދީދީ ލިޔުއްވާފައިވެއެވެ. "މިގޮތަށް ނަގާ ވޯޓުން އެ މެންބަރު ވަކިކުރުމަށް ފާސްވެއްޖެނަމަ އެ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި އެ ވަކިކުރެވުނު މެންބަރަށް ވެސް ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ދެވަނަ ފަހަރަށް އިންތިޚާބު ވެއްޖެނަމަ، ބުނެވުނު ޑިޕޮޒިޓް ފައިސާ އެ މެންބަރުގެ އިންތިޚާބީ ކެމްޕޭނަށް ހިނގި ޚަރަދުގޮތުގައި އެ މެންބަރަކަށް ލިބިދޭގޮތަށް ހަމަޖެހިފައި އޮވެއެވެ." ދީދީގެ ޕޯސްޓުގައިވެއެވެ. ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޝުޖާއު ހުށަހެޅުއްްވި އިސްލާހުގައިވަނީ، ޕާޓީން ވަކިކުރި ނަމަވެސް، މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، އެ މެންބަރަކު ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބުމުން ކަމަށެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މެންބަރަކު ވަކިކުރަން ނުފެންނަކަމަށް ރައްޔިތުން ވޯޓުދީފިނަމަ ދެން އެ މެންބަރަކު މަޖިލީހުގެ އުމުރު ކަމަށްވާ ފަސް އަހަރުގެ ބާކީ އުމުރުގައި ހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ސިޔާސީ ޕާޓީއަކަށް އެ މެންބަރަކު ސޮއިކުރައްވައިފިނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވެއެވެ. ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހެވެ. އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އެ އިސްލާހު، ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވިއެވެ. ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އުވާލުމަށް ޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ ކުރިއަށް ނުދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ މައްސަލަ ކުރިއަށް ގެންދަން އުޅުމުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން ފަނޑިޔާރުން ސަސްޕެންޑުކުރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ