ވިޖޭ އާއި ރަޝްމިކާއަށް އާ ފިލްމެއް

ލޯބިވެރިން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަމުން އަންނަ ތެލުގޭ ދެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވެރަކޮންޑާ އާއި ރަޝްމިކާ މަންދަންނާއަށް އެކީގައި ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިދިޔަ ހަފުތާތެރޭގައި މި ފިލްމުގެ މަސައްކަތް އިންޑިއާގެ ހައިދަރުއާބާދުގައި ވަނީ ފަށައިފައެވެ. މިހާތަނަށް މި ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާއިރު މިއީ ދެ ތަރިން އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ ނަމަކީ "ވީޑީ 14"އެވެ. އަންނަ މަހު ރިލީޒްކުރާ ރަޝްމިކާގެ ފިލްމު "ތާމާ"ގައި ބަތަލާ ކުޅޭ ކެރެކްޓާ ދައްކައިލި ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައި ވަނީ 19 ވަނަ ޤަރުނުގައި އިނގިރޭސިންގެ ބާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު ރަސްކަންކުރި ޒުވާން ރަސްކަލެއްގެ ހަޔާތުގެ މައްޗަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ރަޝްމިކާ އާއި ވިޖޭ އެކީގައި ފިލްމަކުން ފެންނާނެ ކަމަށް މީޑީއާތަކުން ބުނަން ފެށުމާ އެކު ދެ ތަރިންގެ ސަޕޯޓަރުން ވެސް ވަނީ އުފާފާޅުކޮށް ސޯޝަލް މީޑިއާގައި މެސެޖުތައް ބަދަލުކޮށްފައެވެ. މިހާތަނަށް ވިޖޭ އާއި ރަޝްމިކާ އެކުގައި ކުޅުނު ދެ ފިލްމު ކަމަށްވާ "ގީތާ ގޯވިންދަމް" އަދި "ޑިއާ ކޮމްރޭޑް"އަށް ލިބުނު ފަދަ ހޫނު ތަރުހީބެއް މި ފިލްމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ސަޕޯޓަރުން ވަނީ ބުނެފައެވެ. ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ "ޕުޝްޕާ"ގެ ބަތަލާ އަކީ ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގައި ވެސް ބޮޑު ޑިމާންޑެއް އޮތް ބަތަލާއެކެވެ. ފިލްމު "ކިންގްޑަމް"ގެ މަންޒަރެއްގައި ވިޖޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ ރަޝްމިކާ އެންމެފަހުން ބެލުންތެރިންނަށް ފެނުނު ބޮލީވުޑް ފިލްމުތަކުގެތެރޭ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" އަދި ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު ފިލްމު "ޗާވާ" ހިމެނެއެވެ. ރަޝްމިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ބޮލީވުޑް ފިލްމަކީ މެޑްޑޮކް ފިލްމްސްއިން އުފައްދާ ބިރުވެރި ފިލްމު "ތާމާ"އެވެ. ވިޖޭގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ މިދިޔަ ޖުލައި މަހު ސިނަމާތަކަށް ގެނެސް މިހާރު ނެޓްފްލިކްސްގައި ވެސް ސްޓްރީމްކުރަން ފަށާފައިވާ ފިލްމު "ކިންގްޑަމް"އެވެ. ވިޖޭ ވަނީ 2022 ވަނަ އަހަރު ބޮލީވުޑް ފިލްމެއް ވެސް ކުޅެފައެވެ. ނަމަވެސް އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ފްލޮޕްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ