17 އަހަރު ފަހުން ބޮލީވުޑްގައި ރިލީޒްކުރާ އެންމެ ދިގު ފިލްމަކަށް 'ދުރަންދާރު'
މިއަދު ސިނަމާތަކުގައި ރިލީޒްކުރި އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު" އަކީ ވޭތުވެދިޔަ 17 އަހަރު ތެރޭ ބޮލީވުޑްގައި ރިލީޒްކުރި އެންމެ ދިގު ފިލްމު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ޑައިރެކްޓަރު އަދިތިޔަ ދަރުގެ ފިލްމު "ދުރަންދާރު" އިންޑިއާގެ ދަ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓިފިކޭޝަން (ސީބީއެފްސީ)އިން 'އޭ' ސެޓްފިކެޓަކާ އެކު ފާސްކުރިއިރު ފިލްމުގެ ދިގު މިނަކީ ތިން ގަޑިއިރާއި 34 މިނެޓެވެ. މި ރިކޯޑް މިހާތަނަށް ގާއިމުކޮށްފައި އޮތް ފިލްމަކީ 2008 ވަނަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކަރުގެ ފިލްމު "ޖޯދާ އަކްބަރު"އެވެ. އެ ފިލްމުގެ ދިގުމިނަކީ ތިން ގަޑިއިރާއި 33 މިނެޓެވެ. މި ފިލްމަކީ މިހާތަނަށް ރަންވީރުގެ ކެރިއަރުގައި ކުޅެފައިވާ ފިލްމުތަކުގެތެރެއިން ސީބީއެފްސީއިން 'އޭ' ސެޓްފިކެޓްއެއް ދިން ފުރަތަމަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ. ސީބީއެފްސީގެ ބޯޑުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފިލްމު ސަޓިފައިކުރުމުގެ ކުރިން ކުދި ކުދި ބަދަލުތައް ފިލްމަށް ގެނެވުނު ކަމަށެވެ. ފިލްމު "ދުރަންދާރު"ގެ ކާސްޓުން އަދި އެ ފިލްމުގެ ޑައިރެކްޓަރު އަދިތިޔަ ދަރު--ފޮޓޯ/އެންޑީޓީވީ ނަމަވެސް، އެއިން އެއްވެސް ބަދަލަކާ ގުޅިގެން ފިލްމުގެ ދިގުމިނަށް ބަދަލުތަކެއް ނުގެންނަ ކަމަށް ވެސް އެ ބޯޑުން ވަނީ ބުނެފައެވެ. ވަރަށް ވަރުގަދަ ކާސްޓަކާ އެކު ރަންވީރު ސިންގް ލީޑް ރޯލް ކުޅޭ މި ފިލްމު ސިނަމާތަކަށް ގެނައުމުގެ ކުރިން ފިލްމަށް ގާނޫނީ މައްސަލަތަކެއް ވެސް ވަނީ ކުރިމަތިވެފައެވެ. އެއީ، އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ މޭޖަ މޯހިތު ޝަރުމާގެ އާއިލާގެ ފަރާތުން ފިލްމުގެ ޑައިރެކްޓަރާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ އާއިލާއިން ދައުވާކުރި ގޮތުގައި ފިލްމުގައި މޭޖަ މޯހިތު ޝަރުމާގެ އަސްކަރީ ހަޔާތުގެ ބައެއް ހާދިސާތައް އާއިލާގެ ރުހުން ނެތި ވަނީ ހިމަނާފައެވެ. ނަމަވެސް، އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާ އެކު ޑައިރެކްޓަރު އަދިތިޔަ ދަރު ވަނީ "ދުރަންދާރު"ގައި މޭޖަ މޯހިތު ޝަރުމާއާ ގުޅުންހުރި އަދި އެއްވެސް އަސްކަރީ އޮފިސަރެއްގެ ވާހަކަ ގެނެސްދީފައި ނުވާނެކަމުގެ ޔަގީންކަން ދީފައެވެ. މި މައްސަލަ ސީބީއެފްސީއިން ވެސް ބެލުމަށް ފަހު ބުނެފައިވަނީ އެއީ ފިކްޝަން މަސައްކަތެއް ކަމަށާއި މޭޖަ ޝަރުމާގެ ހަޔާތާ ގުޅުންހުރި އެއްވެސް ހާދިސާއެއް ފިލްމުގައި ދައްކުވައިދީފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ