އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އިންޖީނަކަށް މައްސަލައެއް ދިމާވެ ޕަވާ ހައުސް ވަނީ ޑައުންވެފައި. އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި،" ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކަރަންޓުގެ ހިދުމަތް އަނބުރާ ދެވޭނެ އިރެއް ފެނަކައިން ނުބުނެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ފަހަރު މަތިން މިދިޔަ މަހުވެސް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކަރަންޓު ހިދުމަތް މެދުކެނޑި ފްލައިޓްތައް ވެސް ޑިލޭވި އެވެ.
އައްޑޫ މޭޔަރު، އަލީ ނިޒާރު މިދިޔަ މަހު ވިދާޅުވީ ކަރަންޓު ކަނޑަމުން ދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ރަށަށް ގެނައި ޖެނެރޭޓަރުތަކުން ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ