ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހުންނަށް އާސަންދަ ދިނުމާ ގުޅޭގޮތުން ގަރާރެއް
އާސަންދައިގެ ޚިދުމަތް ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް ނުލިބޭތީ އެކަމުގައި މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް މިއަދު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައިވާ ވިދާޅުވީ، ގާނޫނުއަސާސީއަށް ބަލާލާއިރު އިންތިޚާބުތަކުގައި ވާދަކުރުމާއި އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ފިޔަވައި ދިވެހީންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ފާހަގަވާ ކަމަށެވެ. ދިވެހީންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ބިދޭސީންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަކަމާއި، އެ ކައިވެނިތަކަށް ދަރިން ލިބި، ބޮޑެތިވެފައިވާކަން ވެސް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. މެންބަރު މުހައްމަދު އިބްރާހިމް: އާސަންދަ މެދުނުކެނޑޭނެކަން ޔަގީންކުރަން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/ މަޖިލީސް އެކަމަކު، އާސަންދަ ލިބެނީ ހަމައެކަނި ދިވެހީންނަށްކަން ފާހަގަކުރައްވައި ކުޑޫގެ ގަރާރުގައި ބުނީ، ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ރައްޔިތުން ކަމަށް މާނަކުރަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު ދިވެހި ރައްޔިތެއްކަމުގައިވާ ކޮންމެ މީހަކާއި ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއަކާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސިއެއް ކަމަށެވެ. ބިދޭސީންނަށް ދިވެހި ރައްޔިތުކަން ލިބެން އޮތް ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމަށާއި، ނަމަވެސް އެ ގާނޫނަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާތީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެ ފުރުސަތު ހޯދައިދެވިފައިނުވާ ކަމަށް އެ ގަރާރުގައި ބުންޏެވެ. ކުޑޫގެ ގަރާރުގައި ބުނީ، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން މުސްކުޅިވެ، ލޯބޯ ކޮށިވެ، ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ޚަރަދުތައް ހޯދަން ދަތިވެފައިވާ ކަމަށާއި، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީންނަކީ ރާއްޖޭގައި އެތައް އަހަރެއް ހޭދަކޮށް ވަޒީފާ ހޯދައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރި މީހުން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ އެ މީހުންގެ ވެސް ހައްގެއް ކަމަށް އެ ގަރާރުގައި ބުންޏެވެ. އަދި، ގާނޫނުއަސާސީގައިވާ ގޮތުން މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ދައުލަތުން ޚާއްސަ ކަންތައްތަކެއް ކޮށްދެވިދާނެކަން އެނގެން އެބައޮތް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ