ރާއްޖޭގައި ނޫސްވެރިކަމަށް އޮތް ހުރަސްތައް އެމްޖޭއޭއިން އީޔޫއާ ހިއްސާކޮށްފި ރާއްޖޭގައި ނޫސްވެރިކަމަށް އޮތް ހުރަސްތައް އެމްޖޭއޭއިން އީޔޫއާ ހިއްސާކޮށްފި

ރާއްޖޭގައި ނޫސްވެރިކަމަށް އޮތް ހުރަސްތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.
ސްރީލަންކާގައި އީޔޫގެ ވަފްދާ ބައްދަލުކުރައްވާ އެމްޖޭއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ އިތުރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ރާއްޖޭގެ މީޑިއާގެ ހާލަތު ބައިނަލްއަގުވާމީ އެކި ޖަމިއްޔަތަކަށް ސާފުކޮށްދޭން ސްރީލަންކާގައި މިވަގުތު ހަރަކާތްތެރިވާ އެމްޖޭއޭގެ ޓީމުން ދަނީ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކާ ބައްދަލުކުރަމުންނެވެ.
މިހާތަނަށް އެމްޖޭއޭގެ ޓީމުން ވަނީ އީޔޫގެ ވަފްދާއި ސްރީލަންކާގެ ޕްރެސް ކޮމްޕްލެއިންސް ކޮމިޝަނާއި ފްރީ މީޑިއާ މޫވްމަންޓާއި ފޮރިން ކަރެސްޕޮންދެންޓް އެސޯސިއޭޝަންގެ އިތުރުން ސްރީލަންކަން ވޯކިން ޖާނަލިސްޓް އެސޯސިއޭޝަނާ ވެސް ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުންތަކުގައި އެމްޖޭއޭއިން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކުގެ ވާހަކަ ދައްކާފައިވެ އެވެ.
އެމްޖޭއޭއިން ލަންކާއަށް ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާއިފް އާއި ނައިބުރައީސް މުހައްމަަދު ޝަހުޒާން އާއި މުހައްމަދު ޖުނައިދުގެ އިތުރުން އެމްޖޭއޭ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު ޒާހިރު (ހިރިގާ ޒާހިިރު) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ