ހައްޖު ދަތުރު ފަސޭހަކޮށްދޭ މައްކާ ރޫޓުގައި ރާއްޖެ ދާއިމީ ކޮށްފި

ހައްޖު ދަތުރުގެ ކަންކަމަށް ގިނަ ލުއިފަސޭހަތަކެއް ލިބޭ 'މައްކާ ރޫޓް އިނީޝިއޭޓިވް'ގައި ރާއްޖެ ދައިމީ ކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެެ.
ވީ ކިހިނެއް؟ - 'މައްކާ ރޫޓް އިނީޝިއޭޓިވް'ގައި މިދިޔަ މޭ މަސްތެރޭ ރާއްޖެ ވަނީ ހިމަނާފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އޭރުން ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރާކަށް ނުޖެހޭނެ އެވެ. އެއާޕޯޓްގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވުމުގެ އިތުރުން ހައްޖުވެރިންގެ ލަގެޖް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މައްކާ ރޫޓުގައި ރާއްޖެ ދާއިމީކުރިކަން އަންގާފައިވަނީ ސައުދީ އަރަބިއްޔާއަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ދާއިމީ ގޮތެއްގައި މައްކާ ރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ދިވެހިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - ސައޫދީން މި ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ އަދި ޕާކިސްތާން ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ. މައްކާ ރޫޓުގެ ސަބަބުން ލުއިފަސޭހަކަމާ އެކު ހަމަޖެހިގެންދާނެ ހިދުމަތްތަކަކީ:
ހައްޖުވެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބެން މަގުފަހިވާނެ
ހައްޖުވެރިންގެ ސިއްހީ ނިޒާމާއި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރަޖިސްޓްރީކުރެވޭނެ
ބޯޑިން ފާސް ވަގުތުން ލިބޭނެ
މައްކާ ރޫޓް އިނީޝިއޭޓިވްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސައުދީއަށް އެތެރެވާން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމާލެވޭނެ
ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ 
ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް ދެވުމާ އެކު، ހޮޓަލަށް ވަގުތުން ދެވޭނެ 
ހައްޖުވެރިންގެ ފޮށިތައް އެއާޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި މަޑުކުރުމަކާ ނުލައި ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ގެންގޮސްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ