ބީއެމްއެލްއިން ޕޭއެމްވީ ކިއުއާރު ޓްރާންސްފާ ޚިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަސޭހަ އަދި އަވަހަށް ޓްރާންސްފާ ކުރެވޭ ގޮތަށް ޕޭއެމްވީ ކިއުއާރުގެ ޚިދުމަތް ފަށައިފިއެވެ. ބޭންކުން ބުނި ގޮތުގައި މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެއެވެ. މިއަދު ބޭންކުން މި ޚިދުމަތް ތައާރަފުކުރުމާއެކު ބޭންކް އޮފް މޯލްޑިވްސް ވެގެން ދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އައު މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށް ކަމަށް އެ ބޭންކުން ބުންޏެވެ. އެ މުހިންމު ކާމިޔާބީއިން، ރާއްޖޭގެ ޕޭމަންޓް ޓެކްލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދާ ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަޑާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދުދީފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އުފާކުރައްވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. "މިއަދުން ފެށިގެން ކިއުއާރް ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރް ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ