ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދަން ގދ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރަށް ބައި މިލިއަން
ގދ. އަތޮޅު ކައުންސިލުން ދަނޑުވެރިކަމާއި ގުޑް ގަވަނަންސާއި ލޯކަލް ޓޫރިޒަމްގެ ތަޖުރިބާ ހޯދަން 2023 ވަނަ އަހަރު ތައިލޭންޑަށް ކުރި ދަތުރަށް ބައި މިލިއަން ރުފިޔާ ޚަރަދުވިކަން އޮޑިޓް ރިޕޯޓުން އެނގިއްޖެއެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން ޖުމުލަ 10 ބޭފުޅުން ކުރި އެ ދަތުރަށް ދައުލަތުގެ ބަޖެޓުން 559،168 ރުފިޔާ ޚަރަދުކުރިއެވެ. އޮޑިޓް ރިޕޯޓުގައި ބުނީ، މި ޚަރަދުކޮށްފައިވަނީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އެފިޝެންސީ އިތުރުކުރަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އެންމެހާ އިދާރާތަކަށް ސާކިއުލާއަކުން އަންގާފައިވަނިކޮށް ކަމަށެވެ. އެއީ، އެ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެ ޚަރަދުކުރަން އެހީއެއް ހޯދަން މަސައްކަތްނުކޮށް، ބަޖެޓުން ޚަރަދުކުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ ދަތުރުގައި ބައިވެރިވީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އާ އެކު ކައުންސިލްގައި ހިމެނޭ ނުވަ މެންބަރުންނެވެ. އެ ދަތުރުގައި އެންމެ ބޮޑު އެއްޗެއް ޚަރަދުވީ ދުވަހުން ދުވަހަށް ހިނގާ ޚަރަދުތަކާއި ޕޮކެޓް މަނީއަށެވެ. އެ ގޮތުން އެ ކަމަށް 322،894 ރުފިޔާ ޚަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. ދަތުރަށް ހިނގި އިތުރު ބައެއް ޚަރަދުތައް: ޓިކެޓަށް 87،123 ރުފިޔާ އިންސިޑެންޝަލް ޚަރަދު - 23،130 ރުފިޔާ ސްޓޮޕްއޯވާ ޚަރަދު - 15،420 ރުފިޔާ ޑޮމެސްޓިކް ޚަރަދު - 33،850 ރުފިޔާ ހުރުމާއި ކެއުން (މާލެ) - 27،900 ރުފިޔާ އެހެނިހެން ދަތުރު ޚަރަދު - 48،851 ރުފިޔާ އޮޑިޓް ރިޕޯޓުގައި ބުނީ، ދަތުރުގެ މަގުސަދަކީ ބައިވެރިންނަށް ލޯކަލް ޓޫރިޒަމާއި ގުޑް ގަވާނަންސް އަދި ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދުން ކަމަށެވެ. ދަތުރުގެ ތެރެއިން ގދ. އަތޮޅު ކައުންސިލުން ވަނީ ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީއާއި ތައިލޭންޑްގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑާ ބައްދަލުކުރި ކަމަށެވެ. އޮޑިޓް ރިޕޯޓުގައި ވަނީ ފިނޭންސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ޚަރަދުކުރަން އިރުޝާދު ދީފައެވެ. އަދި، އެހީއާއި ސްޕޮންސާ ހޯދައިގެން މެނުވީ ދަތުރުތަކަށް މި ފަދަ ބޮޑެތި ޚަރަދު ނުކުރަން ވަނީ އަންގާފައެވެ. މީގެ އިތުރުން، އިގުތިސާދީ ގޮތުން ރަށްތަކަށް ކުރިއެރުން އަންނަ ކަންކަމަށް ކައުންސިލްގެ ބަޖެޓުން މި ފަދަ ބޮޑެތި ހޭދަތައް ކުރަން ވަނީ އިރުޝާދު ދީފައެވެ. އަދި، ފަތުރުވެރިކަމުގެ ކަންކަމުގައި ވިޒިޓް މޯލްޑިވްސްއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން ވެސް ވަނީ ލަފާދީފައެވެ. ތަމްރީނާއި ތަޖުރިބާ ހޯދުމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިވެގެން ނިޒާމީ ގޮތެއްގައި އަމަލުކުރަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ އިރުޝާދު ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ބޮޑެތި ޚަރަދުތައް ކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ