"ހަވީރު"ގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން މެންޑޭޓެއް ނެތް: ބްރޮޑްކޮމް

"ހަވީރު"ގެ ކުރީގެ ނޫސްވެރިން އެހެން މީޑިއާއެއްގައި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅަން ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ މައްޗަށް ސިވިލް ކޯޓްގެ ހުކުމުގައި އަމުރުކޮށްފައިވީ ނަމަވެސް، އެ ކޮމިޝަނަށް އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް، ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
"އަވަސް" އާ ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ، ބްރޮޑްކޮމްގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ބާރު ލިބިގެން ވަނީ ބްރޮޑްކާސްޓަރުން، ޓީވީ އަދި ރޭޑިއޯތަކުގެ ކަންކަން ބަލައި މޮނީޓާކޮށް ފިޔަވަޅު އެޅުމަށް ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނޫސް މަޖައްލާ، އަދި އޮންލައިން ނޫސްތަކުގެ މައްސަލައިގައި އެ ކޮމިޝަނަށް ފިޔަވަޅު އެޅުމުގެ އެއްވެސް ބާރެއް އެ ކޮމިޝަނަށް ގާނޫނީ ގޮތަކުން ނުލިބެ އެވެ.
ސިވިލް ކޯޓްގެ ހުކުމުގައި ފިޔަވަޅު އަޅަން ކޮމިޝަނަށް އަންގާފައި އޮތް ނަމަވެސް އެކަން އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނަށް ރިއާޔަތްކުރައްވާ ޝަހީބު ވިދާޅުވީ ބްރޮޑްކޮމްގެ ގާނޫނުގައި ބްރޮޑްކާސްޓަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތަކާއި އަދި ފިޔަވަޅު އަޅަން ޖެހޭ ތަރުތީބުތައް ވެސް ވަރަށް ފުރިހަމަޔަށް ވަނީ ބަޔާންކޮށްފަ އެވެ.
"މިސާލަކަށް، ހަވީރުގައި މަސައްކަތް ކުރެއްވި އިސްމާއިލް ނަސީރު އައިސް މިހާރުގެ އެޑިޓަރަކަށް ހުރީމާ ނޫނީ އެހެން ޓީވީއެއްގެ އެޑިޓަރަކަށް ދިޔަ ނަމަވެސް، އަޅުގަނޑުމެންނަކަށް ނޯވޭ އޭގައި އަޅުގަނޑުމެންގެ ގާނޫނުން ވެސް އެޅޭނެ ފިޔަވަޅެއް. އެގޮތަށް ވަކިވަކި ފަރުދުންނާ މެދު ފިޔަވަޅު އެޅޭކަށް އަޅުގަނޑުމެންނަށް ގާނޫނަކުން ވެސް ހުއްދަ އެއް ނުލިބޭ. އެހެން ވީމާ އަޅުގަނޑުމެން ކިހިނެތްތޯ ފިޔަވަޅު އަޅާނީ،" ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޫހެއްގެ އޯނަޝިޕްގެ މައްސަލައިގައި އުފެދިފައިވާ މައްސަލައިގެ ސަބަބުން އެ ކޮމިޝަން އޭގައި ޝާމިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ އެ ކޮމިޝަނާ ވެސް ބެހޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެ ހުކުމާ ގުޅިގެން އޭޖީގެ ލަފާ ހޯއްދަވާނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަދަނީ މައްސަލައަކަށް ވާތީ، އެ ހުކުމް ރައްދުވާ ފަރާތްތަކުން އެ ހުކުމުގެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ފިގުހުގެ އުސޫލެއް ކަމަށްވާ، "ގެއްލުން ދުރުކުރެވޭ ހުއްޓެވެ." މި އުސޫލަށް ރިއާޔަތް ކޮށް ބުނެފައި ވަނީ ހަވީރު ނޫހުގައި މަސައްކަތް ކުރި މުވައްޒަފަކު، ދެ އަހަރު ދުވަހުގެ މުއްދަތަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް މަސައްކަތް ކުރާ ކަމުގެ ޝަކުވާ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނޫނީ ބްރޮޑްކާސްޓިން ކޮމިޝަންގައި ކޮށްފި ނަމަ، މައްސަލަ ހުށަހެޅޭތާ ހަތްދުވަހުގެ ތެރޭގައި އެކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވާ، ބަންޑާރަ ނައިބު މުހައްމަދު އަނިލް، "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރާނަމަ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން ހޯމް މިނިސްޓްރީއަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ