ފޭސް 2ގައި މީހުން އާބާދުވުމާއި ގުޅިގެން ހުރަވީ ސްކޫލް ދެދަންފަޅިއަށް ބަދަލުކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާތީ އަންނަ ޓާމްއިން ފެށިގެން ހުރަވީ ސްކޫލް ދެދަންފަޅިއަށް ބަދަލުކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގައި މީހުން އާބަދުވާން ފަށާފައިވާތީ، ދެވަނަ ފޭސްގައި ސްކޫލެއް އިމާރާތްކުރެވެންދެން މިނިސްޓްރީގެ ޕްލޭނަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.
މެމްބަރު އަލީ ނިޔާޒްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ ޓާމްއިން ފެށިގެން ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހުރަވީ ސްކޫލް ބަދަލުކުރާނެކަމަށެވެ. އެއާއެކު އެސްކޫލުންވެސް އިތުރު 1500 ޖާގަ އުފެދިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުރަވީ ސްކޫލަކީ މިވަގުތު ރާއްޖޭގައި ހުރި ސްކޫލްތަކަށް ބަލާއިރު އިމާރާތުގެ ގޮތުން އެންމެ ބޮޑު ސްކޫލެވެ. މިސްކޫލް ހުޅުވައި ތައުލީމް ދޭން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއި ދިމާކޮށެވެ. ސްކޫލްގައި އެއްފަހަރާ 1،450 ކުދިންނަށް ކިޔަވައިދެވޭއިރު ސްކޫލްގައި 54 ކްލާސްރޫމްހުރެއެވެ. މީގެ ތެރެއިން ދެ ކްލާސްރޫމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޯށްފައިޥާ ދެ ކްލާސްރޫމެވެ.
އިތުރު ސްކޫލްތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ މިވަގުތުވެސް އިތުރު ސްކޫލްތައް ބިނާކުރުމުގެ މަަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ސަލާހުއްދީން ސްކޫލްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށް ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އާރްސީސީއާއި ހަވާލުކޮށްގެން ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުންވެސް ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން އިތުރު ދެ ސްހކޫލެއް އިމާރާތްކުރުމަށް އިއުލާންކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހުރަވީ ސްކޫލްގެ އިތުރުން ހުޅުމާލޭ ސްކޫލްގައި ދެން ހުރި ސްކޫލްތަކަށްވެސް މިހާރު ޖާގަ ހުރި މިންވަރަކުން ދަރިވަރުން ވައްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭ ސްކޫލްތަކުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ދެވަނަ ފޭސްއަށް ބަދަލުވާ ކުދިންނަށް މިނީ ބަސްގެ ހިދުމަތް ހިދުމަތް ތައާރަފްކޮށްދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އަސާސީ ހިދުމަތްތައް އެކށީގެންވާ މިންވަރަކަށް ފޯރުކޮށްދީފައިނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ޚާއްސަކޮށް ސްކޫލްތަކަށް ދިޔުމަށްޓަކައި ބެލެނިވެރިންނާއި ދަރިވަރުންވެސް ކޮންމެ ދުވަހަކުވެސް ދިގު ދަތުރެއް ކުރަންޖެހޭތީ އެކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް އާންމުން ކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ