ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމާ އަލްއުސްތާޛު މުޙައްމަދު މުޖްތާޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި އަލްއުސްތާޛު މުޙައްމަދު މުޖްތާޒާ ޙަވާލުކުރެއްވިއެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ