ދަށް ރެކޯޑަށް ނިމުމެއް ނެތް، ޕޮޗެޓީނޯ އަށް ޕްރެޝަރު ދަށް ރެކޯޑަށް ނިމުމެއް ނެތް، ޕޮޗެޓީނޯ އަށް ޕްރެޝަރު

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 11) - ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ސްވިޒަލެންޑް އިން 4-0 ގެ ނަތީޖާ އަކުން އެމެރިކާ ބަލިކޮށްފި އެވެ.
މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެމެރިކާ ކޮޅަށް މި މެޗުގެ 36 މިނިޓްގެ ތެރޭގައި ސްވިޒަލެންޑް އިން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މިއީ، ސްވިޒަލެންޑް ތާރީހުގައި މެޗެއްގެ ފުރަތަމަ ހާފުގައި އެ ޓީމުން ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މެޗުގެ ނަތީޖާއާ އެކު، އެމެރިކާ ވަނީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ.
މިއީ، 2007 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ހަތަރު މެޗުން އެމެރިކާ ބަލިވި ފުރަތަމަ ފަހަރެވެ. އެމެރިކާ އިން އެންމެ ފަހުން ޕެނަމާ، ކެނެޑާ އަދި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
މި މެޗުގެ ލީޑު ސްވިޒަލެންޑުން ނެގީ މެޗުގެ 13 ވަނަ މިނިޓްގައި ޑޭން އެންޑޯއި ޖެހި ގޯލުންނެވެ. އަދި އޭގެ ދިހަ މިނިޓް ފަހުން މިޝެލް އޭބިޝެއާ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
އެމެރިކާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ އާއި ޖޯގަން މަންޒަަމްބީ ވެސް ވަނީ ގޯލު ޖަހައިފަ އެވެ.
ޕޮޗެޓީނޯ އެމެރިކާގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ފަހުން އެންމެ ފަހުން އެ ޓީމުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާއިރު، ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ފަސް މެޗު ކާމިޔާބުވެސް ކޮށްފަ އެވެ.
ކުރިން ޕީއެސްޖީ އާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ، އެމެރިކާގެ ކޮންޓްރެކްޓް ހެދީ 2026 ގައި އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯ އިން ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެމެރިކާގެ ފުޓްބޯޅަ ބަދަލުކުރަން ޕޮޗެޓީނޯ އަންނަނީ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު، އެންމެ ފަހުން މެޗުތަކުގައި ނުކުތް ނަތީޖާތަކުގެ ސަބަބުން ޕޮޗެޓީނޯގެ ވަޒީފާ އަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ