ނާޒިމްގެ ޚިޔާލަކީ ކައުންސިލަރުން މަދުކޮށް، މުސާރަ ބޮޑުކޮށްދިނުން
ކައުންސިލްތަކުން އުފެއްދުންތެރި މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެވޭނީ ކިޔަވައިގެން ތިބި، ކޮލިޓީ ހުރި ޒުވާނުން ރަށްރަށަށް އައިސްގެން ކަމަށާއި، އެކަން ކުރެވޭނީ މިހާރު ތިބި ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ބަހުސްކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ އިބުތިދާއީ ބަހުސެވެ. އެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މި ގައުމަށް މިއަދު ބޭނުންވަނީ އުފެއްދުންތެރި ބަޔަކު ނުކުމެ، އުފެއްދުންތެރި މަސައްކަތްތަކެއް ކުރުން ކަމަށެވެ. ހަމައެކަނި އޮފީހަށް ނުކުމެ، އިނގިލީގެ ނިޝާން ޖެހުމަށް ފަހު ނިކުމެ ދާ މީހުން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. ކޮންމެ މީހަކީ ވެސް އުފެއްދުންތެރި މަސައްކަތްތަކެއް ކުރާނެ ބަޔަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް ވަކިން ޚާއްސަކޮށް ކިޔަވައިގެން ތިބި، ކޮލިޓީ މީހުންނާއި، ކައިރި ރަށްރަށުގައާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން ރަށަށް އައިސް ޚިދުމަތްކޮށްދޭނެ ގޮތެއް ވެސް ހަދަން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތަށް ޒުވާނުންނާއި، ކިޔަވައިގެން ތިބި މީހުން ރަށްރަށަށް ދާނީ އެމީހުންނަށް އެކަށީގެންވާ މުސާރައަކާއެކު ވަޒީފާ ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަޅުގަނޑުމެން މިހާރު މި އަމަލުކުރާ ގާނޫނުގެ ދަށުން ކިތަންމެ ބޮޑު އަދަދެއް ޚަރަދުކުރާތަން އަޅުގަނޑުމެންނަށް ފެނުނު ކަމަށް ވިޔަސް ވަކިވަކި ކައުންސިލަރުންނަށް ދޭ މުސާރައަކީ ބޮޑު މުސާރައަކަށް ނުވާނަމަ އެ ރަށްރަށަށް ޚިދުމަތްކުރާކަށް ކޮލިޓީ ހުރި، ކިޔަވައިގެން ތިބި މީހުންނެއް ނާންނާނެ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެކަމުގެ ހައްލަކީ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރަކަށް ލިބޭ މުސާރަ ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ދައްކަމުން އަންނަ އެއް ވާހަކައަކީ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ. އެގޮތުން މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ދަށުން ކުޑަ އާބާދީތަކަށް ކައުންސިލަރުން މަދުކުރަން ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން: 2،000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، 2000އަށް ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަދަދު ވެސް އެފަދައިން ކަނޑައެޅުން. ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުން. މި ބަދަލުތަކަކީ އިދިކޮޅު ފަރާތްތަކުން، ވަކިން ޚާއްސަކޮށް އެމްޑީޕީން ނުރުހުން ފާޅުކުރާ ބަދަލުތަކެކެވެ. އެއީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މި ސަރުކާރުން ކުރަން އުޅޭ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ. ވަކިން ޚާއްސަކޮށް ކައުންސިލަރުންގެ އަދަދު މަދުވެއްޖެނަމަ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުދެވި، ކައުންސިލެއް ހިންގަން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ