ޖީ 7 ގައުމުތަކުން، އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ތާއީދުކޮށްފި
ވޮޝިންޓަން (17 ޖޫން 2025) : އީރާނާ ދެކޮޅަށް އިސްރާއީލު ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ އަމިއްލަ ނަފްސު ދިފާއު އިސްރާއީލު ފަށާފައިވާ ހަނގުރާމައެއްކަމަށް ސިފަކޮށް ޖީ7 ގައުމުތަކުން އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ތާއީދުކޮށްފިއެވެ. ހުޅަނގުގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހަގައުމާ އަދި ހުޅަނގަށް ތަބާވެ ބޯލެނބުމުގެ ސިޔާސަތެއް ގެންގުޅޭ ޖަޕާން ހިމެނޭ ޖީ7 ގެ ގައުމުތަކުގެ އިސްވެރިން ކެނެޑާގެ ކެނަނަސްކިސް އަލާބާޓާ ގައި ބޭއްވި ސަމިޓް ބައްދަލުވުން ނިންމާލުމަށްފަހު މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމަ ކުށްވެރި ކުރުމަށްވަނީ ފަސްޖެހިފައެވެ. މީގެ ބަދަލުގައި އިސްރާއީލުން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ސިފަކޮށްފައިވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކެއްގެ ގޮތުގައެވެ. މި ބަޔާނުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ކުރުމަށްފަހު ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރުސަތެއް އީރާނަށް ނުދޭނެކަމުގެ އިންޒާރު ވެސް ޖީ7 ގެ ގައުމުތަކުގެ އިސްވެރިންވަނީ ދެއްވާފައެވެ. ޖީ7 ގެ ގައުމުތަކުގެ ތެރެއިން ޖަޕާން ފިޔަވައި އަނެއް ހަ ގައުމަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު ޔަހޫދީ ޒަޔަނިސްޓް އެންޓިޓީ ޣައިރު ގާނޫނީ ގޮތުން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ގައުމުތަކެވެ. އެހެންކަމުން އެ ގައުމުތައް ގެންދަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔާ ޒަޔަނިސްޓް އެންޓިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އެއީ އެ ގައުމުތަކުގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއްގެ އިތުރުން އަރަބި އިސްލާމީ އުންމަތް ބަލިކަށި ކުރެވޭނެ ގޮތަކީ ވެސް ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުން ކަމަށް އެ ގައުމުތަކުން ދެކޭތީއެވެ. ޖީ7 ގައި ހިމެނޭ ހުޅަނގުގެ ގައުމުތަކަކީ އަމިއްލަ މިނިވަންކަމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ސިފަކުރާ އިސްތިއުމާރީ ފިކުރުގެ ގައުމުތަކެކެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ގެންނާ އަދި އާންމުން ބަނޑަށް ޖައްސައިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލަމުން ގެންދާއިރު ވެސް ޖީ7 ގައި ހިމެނޭ ހުޅަނގުގެ ގައުމުތައް ގެންދަނީ އިސްރާއީލަށް ތާއީދުކޮށް ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތައް އިސްރާއީލަށް ފޯރުކޮށްދީ އަދި އިސްރާއީލަށް ތާއީދުކޮށް ހިމާޔަތް ދެމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން މަސައްކަތްކުރާ މައްސަލާގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރުމުންވެސް ޖީ7 ގެ ގައުމުތަކަށް ގޯސްވީ ބައިނަލްއަގްވާމި ކޯޓެވެ. ނަތަންޔާހޫ އެއްނޫނެވެ. ޖީ7 ގައި ހިމެނޭ އެމެރިކާވަނީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ފަނޑިޔާރުންނަށް ބިރުދައްކައި އިންޒާރު ދީ އެމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ބައިނަލްއަގްވާމީ ކޯޓަށްވެސްވަނީ ބިރުދައްކައި ނުފޫޒު ފޯރުވާފައެވެ. ނަމަވެސް މިއީ ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް އެހެން ގައުމުތަކަށް ގޮވާލާ ގައުމުތަކެވެ. ޖީ7 ގެ ގައުމުތަކަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި ރޫލް އޮފް ލޯއަށް އިހްތިރާމް ކުރުމަށް ގޮވާލައި އެހެންގައުމުތަކަށް ޑިކްޓޭޓް ކުރަމުން ގެންދާ ގައުމުތަކެކެވެ. ނަމަވެސް އިސްރާއީލާ ޖެހުމުން އިންސާނީ ހައްގުތަކެއް ރޫލް އޮފް ލޯ އެއް މިގައުމުތަކަށް ނޯވެއެވެ. އެހިސާބުން އެކަން ހުއްޓެއެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާނަށް ނުދޭނެކަމަށް ބުނެ ޖީ7 ގެ ގައުމުތަކުން ތަކުރާރުކޮށް ވާހަކަ ދައްކައި ބަޔާންތައް ނެރޭއިރު އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި ނިއުކްލިޔާ ހަތިޔާރު އުފައްދައި އެހަތިޔާރުން އަވަށްޓެރި ގައުމުތަކަށް ބިރު ދައްކަމުން ގެންދާ މައްސަލަ ފެންނަކަމަށްވެސް ޖީ7 ގެ ގައުމުތަކުން ނަހަދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ