މިތުރާ ގަޔާވެލީ... 17
އިކާންގެ މަޑު އަތްތިލައިގެ އެންމެ ބީހިލުމަކާއިއެކު، ރޫބީގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތުގެ ހިނގުން އަވަސްވެލިއެވެ. އެއީ ކުރިން ރޫބީއަށް ވީގޮތެއް ނޫނެވެ. ******** "ބިރުގަތުން އެއީ މައްސަލައެއް ނޫން..." އިކާން ރޫބީއަށް ބަލައިލިއެވެ. ރޫބީގެ އަތްތިލަ ވަނީ ފިނިވެފައެވެ. ކަޅި ޖަހައިވެސްނުލާ އިކާންގެ މޫނަށް ބަލަން އިންއިރު، ރޫބީގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އޭނާގެ ހިތުގައި އުފެދެމުންދިޔަ އިހުސާސްތަކަށް ދޭނެ ނަމެއް ރޫބީއަކަށް ނޭނގުނެވެ. ރޫބީ ގަޔާވާ ސިފަތަކެއް އިކާންގެ ކިބައިން ފެންނަން ފެށީ އެ އިހުސާސްތަކުގެ ސަބަބުން ހެއްޔެވެ؟ ސިކުނޑިއާއި ހިތުގެ އަރާރުންވުމަށް ނިމުމެއް ގެންނަން ރޫބީ ބޭނުންވެއެވެ. އިކާން ބަލައިލުމުން، ރޫބީ އަވަހަށް އަތް ދަމައިގަތެވެ. އިކާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ރޫބީގެ ހިތުގައި އިކާނަށް ކޮންމެވެސް މަގާމެއް ހާއްސަކުރެވިފައިނުވާނަމަ، އެފަދަ ނަޒަރަކުން ނުބަލާނެކަން އޭނާއަށް ކަށަވަރެވެ. އިކާން ރޫބީގެ އަތުގައި ހިފައިލިއެވެ. ބޭސްއަޅަން ފެށުމުން، ރޫބީ އަނެއްކާވެސް އުޅުނީ އަތް ދަމައިގަންނާށެވެ. އިކާން އެ ފުރުސަތެއް ނުދިނެވެ. ކުރިއަށްވުރެ ބޮޑަށް ރޫބީގެ ކައިރިއަށް ޖެހުނެވެ. "ތޭންކް ޔޫ...." އިކާން ރޫބީއަށް ބަލައިލިއެވެ. "ކީއްވެ؟..." ރޫބީ ހައިރާންވިއެވެ. "އެންމެ ފުރަތަމަވެސް އަހަންނަށް ގުޅީމަ... އަހަންނަށް ޓްރަސްޓް ކުރީމަ..." އިކާންގެ ދެލޮލުން ފެންނަމުންދިޔައީ ޝުކުރުވެރިކަމެވެ. އިކާން ބުނި އެއްޗަކާއިމެދު ފުންކޮށް ވިސްނައިލަން ރޫބީއަށް މަޖުބޫރުވިއެވެ. އޭނާއަށް ނުވިސްނުނީ، ބޮޑުކަމެއް ދިމާވުމުން، އެންމެ ފުރަތަމަވެސް އިކާނަށް ގުޅުނު ސަބަބެވެ. އިކާން ބުނިހެން، އެންމެ ފުރަތަމަ ރޫބީ ސަލާމަތް ކުރެވޭނެ މީހަކީ އިކާން ކަން ރޫބީއަށް ގަބޫލުކުރެވުނީ ކިހިނެއް ކަމެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނު ވަގުތު ރޫބީއަށް އެއްކަމެއް ޔަގީންވިއެވެ. ރޫބީގެ ހިތުގައި އައު ވިންދެއް ޖަހާލައިފިއެވެ. އެ ވިންދު ގުޅިފައިވީ ހަމައެކަނި އިކާންއަށެވެ. އެކަމަކު އިކާންގެ ހިތުގައި އޮތީ ކޯއްޗެއް ހެއްޔެވެ؟ "އަހަރެން ބޭނުން އަބަދުވެސް މިހެން ހުރެދޭން... ރޫބީގެ ލައިފްގަ އަހަންނަކީ މުހިއްމު މީހެއްކަން އެނގުނީމަ ވަރަށް އުފާވެއްޖެ..." އިކާން އޭނާގެ ހިތުގެ ހާލު ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. "ސޮރީ އުނދަގޫ ކުރެވުނީމަ..." އިކާންގެ ލޮލުގެ ތެރެއަށް ގެއްލެން ފެށުމުން، ރޫބީ ހާސްވިއެވެ. އިކާންގެ ކޮންމެ ޖުމުލައަކުން ރޫބީގެ ހިތަށް އެތައް ގޮތެއް ވެގެން ދަނީއެވެ. އަމިއްލަ ހިތުގެ ލަގަން ދޫވާހެން ހީވުމުން، ރޫބީ ބިރުގަތެވެ. "ކްރަޝް ހިތްހަމަނުޖެހިދާނެ..." އިކާންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. އިބާގެ ވާހަކައިން ރޫބީގެ ހިތުގައި ހަސަދަވެރިކަމެއް އުފެދިއްޖެއެވެ. އިކާންގެ "ކްރަޝް"އަކީ ރޫބީއެވެ. އެކަން އެނގިއްޖެނަމަ، ރޫބީ ލަދުގަންނާނެވަރު އެނގި، އިކާނަށް މަޖާވިއެވެ. "ކްރަޝްދޯ؟" އިކާން ދޫކޮށްލީ ފުން ނޭވާއެކެވެ. "ކްރަޝްއަކަށް ނޭނގެ އަހަރެން އޭނަދެކެ ލައިކްވާކަމެއް..." ރޫބީ ތުންފިއްތައިލިއެވެ. އިކާން ގަޔާވާ ކުއްޖަކު ހުރިކަން ޔަގީންވުމުން، ރޫބީގެ ހިތަށް ވެރިވީ ފާޑެއްގެ ފޫހިކަމެކެވެ. "ދެން އޭނަ ކައިރީ ބުނަންވީނު..." ރޫބީ ބުނެލީ ފަރުވާކުޑަ ރާގަކަށެވެ. "އެހެން މީހަކާ މެރީކުރަނީ ކީއްކުރަން؟ އަހަރެން އޭނަ ކައިރީ ބުނެދީފާ...." "އައިޝާ..." އިކާން ގޮވައިލިގޮތުން ރޫބީ ދިޔައީ ސިއްސައިގެންނެވެ. ބުނަން އުޅުނު ޖުމުލައިގެ ބާކީބައި އަރުތެރޭގައި ތާށިވިއެވެ. "ކިހިނެއް ތިނަން؟.." އިކާންގެ ދެލޮލަށް ބަލައިލިއިރު، ރޫބީގެ ހިތުގައިވި ސުވާލުތައް ހުރީ މޫނުން ފެންނާށެވެ. އެތައް އަހަރެއް ކުރިން އެންމެ ގާތް މީހުން ރޫބީއާއި މުހާތަބުކުރި ނަމަކުން ގޮވަން އިކާނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އިކާން ގޮވައިލި ގޮތުންނާއި އެމޫނުގެ އަސަރުތައް ހުރިގޮތުން އޭނާ ކުރިން އެ ނަން އަޑުއަހައިފައިވާކަން ރޫބީއަށް އެނގުނެވެ. ******** ތަނުގައިވީ މަޑު ރަތްލައެއްގެ އަލިކަމެކެވެ. ތަރުތީބުން އަތުރާފައިވާ މޭޒުތަކުން ބޮޑު ހޯލު ވަނީ ފުރިބާރުވެފައެވެ. ކޮންޕިއުޓަރުތަކާއި، ފޯނުތަކުގެ އިތުރުން، މޭޒުތަކުގެ މަތީގައި ކަރުދާސް ބަންޑެލިތައް ފުނިޖަހާފައި ހުއްޓެވެ. ރަތް އަލީގައި ކޮންޕިއުޓަރުތަކުގެ ހުދު އަލި އެޅިފައިވީ މޭޒު ކައިރީގައި މަސައްކަތް ކުރަންތިބި މީހުންގެ މޫނަށެވެ. ހުރިހާ އެންމެންވެސް ތިބީ، އަވަދިނެތި ކޮންމެވެސް މަސައްކަތެއްގައެވެ. މުވައްޒަފުންގެ ފަހަތުން ފެންނަން ހުރީ ބޮޑު އިސްކްރީނެކެވެ. އެއިން ފެންނަމުން ދިޔައީ، ސީސީޓީވީ ފުޓޭޖްތަކެކެވެ. ދޮރު ހުޅުވިއިރު، އެފަދަ މަންޒަރެއް ފެނިދާނެކަމަށް ޔަޒްދާން ކުޑަކޮށްވެސް އުއްމީދެއް ނުކުރެވެ. ބަލާބެލުމަށް ފަންސާހަކަށް މުވައްޒަފުން އެތަނުގެ މަސައްކަތުގައި ތިއްބެވެ. ކޮންމެ މީހެއްގެ ކަރުގައިވެސް ފާހެއް އަޅާފައި އޮތެވެ. އެހާ ބައިވަރު މުވައްޒަފުންތަކެއް އެތަނުގައި ކުރަނީ ކީއްހެއްޔެވެ؟ އެހާ ސިއްރުވެރި ގޮތަކަށް މަސައްކަތްކުރުމުގެ ފަހަތުގައި ކޮންމެވެސް ބޮޑުކަމެއް ވާނެއެވެ. ނަޖާތާއި އެތަނާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ނަޖާތަކީވެސް އެ މުވައްޒަފުން ފަދައިން އެތަނުގައި މަސައްކަތްކުރާ މީހެއް ހެއްޔެވެ؟ ކުއްލިއަކަށް މުޅި ތަނުން އެލާމެއް އަޅަން ފެށިއެވެ. އެންމެންގެ ނަޒަރު އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ހުއްޓުނެވެ. ޔަޒްދާނަށް ހަމަހޭވެރިކަންވީ ދެނެވެ. އަވަސް އަވަހަށް ބޭރަށް ނުކުމެގެން ލިފްޓާއި ދިމާއަށް ދިޔައެވެ. ލިފްޓްގެ ދޮރު ހުޅުވުނެވެ. ނަޖާތެއް ނެތެވެ. ނަޖާތު ހޭއެރީ ޔަޒްދާން ހީކުރި ވަރަށްވުރެ އަވަހަށެވެ. ޔަޒްދާން އެތެރެއަށް ދެމިގަނެފައި، ދޮރު ލެއްޕުމަށް ސްވިޗަށް ފިތައިލިއެވެ. ދޮރު ލެއްޕެން ދިޔަ ވަގުތު، ޔަޒްދާންގެ ފަހަތުން ދެމީހަކު އަންނަތަން އޭނާއަށް ފެނުނެވެ. ******** "ދިހަ އަހަރު ކުރިން..." އިކާން އެއްޗެއް ބުނަން އުޅުނެވެ. ތަޅު ހުޅުވުނު އަޑު އިވުނެވެ. ރޫބީ ސިއްސައިގެން ގޮސްފައި ކޮޅަށް ތެދުވިއިރު، އިކާންވެސް ހުރީ ކޮޅަށް ތެދުވެއެވެ. ދޮރުން އެތެރެއަށް ވަން ނަޖާތު ހުރީ ދާހިއްލާ ފޯވެފައެވެ. މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ކުޑަކޮށް ގުދުވެގެން ހުރިއިރު، ނަޖާތު ލައިގެން ހުރި ފުޅާ، ހުދު ހަރުވާޅުގައި ހިރަފުހުގެ އަސަރު ހުއްޓެވެ. އިކާނާއި ރޫބީ ފެނުމުން، ނަޖާތުގެ ނަޒަރު ބަދަލުވިއެވެ. އެ ނަޒަރުން ބުނެދިނީ ގެއަށް އިތުރު މީހުން ވައްދަން ނަޖާތު އެހާ ހިތްހަމަނުޖެހޭ ކަހަލަ އަސަރުތަކެކެވެ. ނަޖާތު ގަދަކަމުން ކަހަލަ ގޮތަކަށް ހަށިގަނޑު ސީދާކުރަން މަސައްކަތް ކުރިއެވެ. "އިކާން އައީ... އަހަރެން ގުޅީ..." ރޫބީ އުޅުނީ ނަޖާތަށް ވީގޮތް ކިޔައިދޭށެވެ. "ފަހުން..." ނަޖާތު ގޮސް ވަނީ ކޮޓަރިއަށެވެ. ހާލަތުގެ ގޮތުން އިކާނަށް މަޖުބޫރުވީ ދާށެވެ. ރޫބީ ނަޖާތުގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ނަޖާތު އިނީ ފައިން ހަލާކުވެފައި ހުރި ތަންތަނުގައި ބޭސްއަޅާށެވެ. "ކިހިނެއްވީ؟ ކީއްވެ މަށައިގެން ގޮއްސަ ތިހުރީ؟..." ރޫބީ ހާސްވެގެން ނަޖާތާއި ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ރޫބީގެ ހަނދާނަށް އައީ ޔަޒްދާން ބުނި ވާހަކައެވެ. ނަޖާތަކީ އާދައިގެ ކުއްޖެއް ނޫނެވެ. ނަޖާތުގެ އުޅުމުންވެސް ރޫބީއަށް ސިއްރުވެރިގޮތެއް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ގޭގެ އެކި ތަންތަނުގައި ކެމެރާ ހަރުކުރުމާއި، ތަޅު ބަދަލުކުރުމަކީ އެކަމުގެ ހެއްކެވެ. ފަހަކަށް އައިސް ނަޖާތު މާ ހާސްވެފައި ހުރުމާއި، ކުރީގެ މަޖާގޮތް ކެނޑި ވާހަކަ މަދުވުންވެސް އެކަމަށް ހެކިދެއެވެ. "މީ އެހާ ބޮޑުކަމެއް ނޫން... ސައިކަލުން ވެއްޓުނީ..." ނަޖާތު އަވަސް އަވަހަށް ހަރުވާޅު ތިރިކޮށްލިއެވެ. "ހޮސްޕިޓަލަށް ދާންވީނު... ކަށިގަނޑަކަށް ކަމެއްވިތޯ ބަލާލަންވާނެއެއްނު... މިހާރު ތަދުނުވިޔަސް ހުރެދާނެ އަނިޔާއެއްވެފަ..." ވިސްނައިދޭ ރާގަކަށް ރޫބީ ބުނެލިއެވެ. ސައިކަލުން ވެއްޓުނީކަމަށް ބުނެ ނަޖާތު ހެދީ ދޮގެއްކަން ރޫބީއަށް އެނގުނީ ވާހަކަ ދެއްކިއިރު ހަތަރުކަޅި ހަމަނުކުރަން މަސައްކަތް ކުރުމުންނެވެ. އެވަގުތަށް ނަޖާތަށް ބޭނުންވާ އެހީތެރިކަން ދިނުމަކީ، ނަޖާތުގެ ކައިރީގައި ހުރި މީހެއްގެ ހައިސިއްޔަތުން ރޫބީ ކުރަންޖެހޭނެ ކަމެއްކަން އޭނާއަށް ވިސްނުނެވެ. "ހޮސްޕިޓަލަށް ދާންޖެހޭވަރުގެ ކަމެއް ނުވޭ!" ރޫބީގެ ސަބަބުން އުނދަގޫވެފައި ހުރި ކަހަލަ ގޮތަކަށް ނަޖާތު ބުނެލިއެވެ. "މިއަދު އެއްކަލަ ނައީ..." ރޫބީ އުޅުނީ ނައީމުގެ ވާހަކަ ބުނާށެވެ. "އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ މިގެއަށް އެހެން މީހުން ވަންނަން..." ތުވާލި ހިފައިގެން ފާހާނާއާއި ދިމާއަށް ގޮސްގޮސް ހުރި ނަޖާތު ހުއްޓިފައި ރޫބީއަށް ބަލައިލިއެވެ. "ރޫބީ އެއްވެސް މީހަކާ މީޓްކުރަން ބޭނުމިއްޔާ މިގޭން ބޭރަށް ގޮސްގެން މީޓް ކުރެވޭނެ..." ހުއްޓުން އެރިގޮތަށް ރޫބީއަށް އެތައް އިރަކު ހުރި ފިޔަވަޅުމަތީގައި ހުރެވުނެވެ. ނަޖާތުގެ އެ ސިފަ ރޫބީއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ރޫބީގެ ސަބަބުން ނަޖާތަށް އުނދަގޫވެއްޖެހެން އޭނާއަށް ހީވާން ފެށިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެހާ ފާޅުކަން ބޮޑުގޮތެއްގައި ނަޖާތު އެފަދަ އެއްޗެއް ބުނުމުން، ހިތް ގޯސްވާނެއެވެ. ރޫބީގެ ހިތަށް ފުން އަސަރެއް ކުރިއެވެ. ދެލޮލުން ކަރުނަ ހިލުނެވެ. އެއީ ނަޖާތު މާ ވަރުބަލިވެފައި ހުރުމުން ވީ ގޮތެއް ހެއްޔެވެ؟ ނޫނީ އެއީ ރޫބީއަށް ނޭނގި އޮތް ނަޖާތުގެ އަނދިރި ފަރާތް ހެއްޔެވެ؟ ******** ޔަޒްދާން އިނީ މަގުގެ އެއްފަރާތެއްގައި ޕާކުކޮށްފައި އިން ސައިކަލެއްގެ މަތީގައެވެ. ހަނި މަގެކެވެ. މީހުން މަދު ހިސާބެކެވެ. އެއީ އާއްމުކޮށް ދުއްވާ އެއްޗެހި ދަތުރުކޮށްއުޅޭ މަގެއް ނޫނެވެ. "ކީއްކުރަން މިތަނުން ބައްދަލުކުރަން ބުނީ؟" ފަހަތުން ފިރިހެނެއްގެ އަޑު އިވުމުން ޔަޒްދާން އޭނާގެ އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. "ޑިއުޓީގަ ހުރެފައޭ މިއައީ.." ޔަޒްދާންގެ ފަހަތުގައި ހުރީ، ފުލުހުންގެ ޔުނީފޯމުގައި ހުރި މީހެކެވެ. ޔަޒްދާނަށްވުރެ އުމުރުން ދޮށީ ފާޑު ޖަހައެވެ. "ހާދަ ދުވަހެއް ފަހުންނޭ ނަސީމާ މި ދިމާވީ..." ޔަޒްދާން ސައިކަލުމަތިން ފުންމައިލިއެވެ. "އަހަރެމެންނަށް ފިލައިގެނެއްނު ތި އުޅެނީ..." ޔަޒްދާނާއި ވާހަކަ ދެއްކިޔަސް، ނަސީމްގެ ކަޅި މަގުގެ އެކި ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔައެވެ. "އޮފީހުންދޯ ދެން ބައްދަލުކުރަންވީ؟ ތިހާ ބިރުގަންނަކަން އެނގޭނަމަ، މިތަނަށް އަންނާށެކޭ ނުބުނީމުސް..." ޔަޒްދާންގެ އަޑުގައި ސަމާސައިގެ އަސަރުވިއެވެ. "ތިގޮތްވެސް ބޭނުންނުވާ މީހަކީ ތީއޭ..." ނަސީމު ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ދެން ބުނެބަލަ، ކީއްކުރާށޭ ތި ބައްދަލު ކުރީ؟" "އަހަރެން ނިންމައިފިން އޮފީހަށް ނުކުންނަން..." ޔަޒްދާން ބުނެލިއެވެ. "އޭނ؟..." ނަސީމަށް ލިބުނީ ސިހުމެކެވެ. "އޭރުން މިޝަންއޯ؟..." "ހާސްނުވޭ! އަދި އެއް މަސް ފަހުން އެކަން ކުރެވެން އޮތީ..." ޔަޒްދާން ހުރީ ހަމަޖެހިފައެވެ. "މިހާރު އަހަރެންގެ މަގުސަދާ ހަމައަށް ވާސިލުވާން ވަރަށް ކައިރިވެއްޖެ..." "އަހަރެން އަދި ނުދެކެން ތިކަހަލަ ފުލުހެއް... މިހާދުވަސްވީއިރު، ކައިރީ އުޅޭ މީހަކަށްވެސް ޕްރޮފެޝަން އަންގާނުލާ ތި އުޅުނީ... އެހެންމީހުންނަށް ހީވާނެ، ކޭސްތައް ސޯލްވް ކުރަނީ އަހަރެމެންނޭ... ހަގީގަތުގަ ފަހަތުގަ ތިބެނީ ތިކަހަލަގެ މަދު ދަރިއެއް..." ޔަޒްދާންގެ ކޮނޑުގައި ޖަހައިލަމުން ނަސީމް ބުނެލިއެވެ. "ޕްރައުޑް އޮފް ޔޫ ބްރަދަރ" "ސިއްރު ފުލުހުން ތިބެނީ ކޮންމެސް ކަމަކުއޭ" ޔަޒްދާން ފަހުރުވެރިވެލާފައި ބުނެލިއެވެ. "ޔަޒްދާންގެ ފްރެންޑް ވަރަށް ޕްރައުޑްވާނެ... ތިކަހަލަ އެކުވެރިއެއް ލިބޭނީ މަދު މީހަކަށް..." ނަސީމް އަނެއްކާވެސް ޔަޒްދާންގެ ކޮނޑުގައި ޖަހައިލއެވެ. ޔަޒްދާން ދޫކޮށްލީ ފުން ނޭވާއެކެވެ. މޫނުން ފެނުނީ ހިތާމައިގެ އަސަރެވެ. "އަހަރެންގެ މި ޕްރޮފެޝަންގެ ސަބަބުން އަހަރެންގެ ގާތް އެންމެން އަހަރެން ދޫކޮށް ދިޔައީ..." ޔަޒްދާން އިސްޖަހައިލިއެވެ. ހިތި ގޮތަކަށް ހިންދިރުވައިލީ ވާހަކަ ދައްކަން އުނދަގޫވެގެންނެވެ. "އެއީ ޔަޒްދާންގެ ކުށެއް ނޫން..." ވިސްނައިދޭ ރާގަކަށް ނަސީމް ބުނެލިއެވެ. "ދެން އެވާހަކަ ބާއްވާ!... މީ އަސްލު ބައްދަލުކުރަން ބުނި ރީޒަން..." ޔަޒްދާން ދިއްކޮށްލީ ޕެންޑްރައިވްއެކެވެ. "މި އަންހެންކުއްޖާއަށް ފޯކަސް ކުރޭ! ޓްވެންޓީ ފޯ އަވަރސް އޭނަ މޮނިޓަރކޮށްދީ!... އަހަރެން ބޭނުން މީނަގެ ހުރިހާ ޕާސަނަލް އިންފޮމޭޝަންވެސް... ތީ ކޭސްގެ ފަހު މަރުހަލާކަމަށް ބަލާ" ******** ޕާޓީއަށް ބޭނުންވާ އެއްޗެހި ގަންނަން ދާން ގަޑި ކީއްސުރެ، ރޫބީ ހުންނަނީ މޭބޮޑުވެފައެވެ. އަބަދު ގަޑިއަށް ބެލުން ނޫންކަމެއް ނުކުރެވުނެވެ. ވިރުދާ އައީ ރޫބީ ބުނި ގަޑިއަށްވުރެ އަވަހަށެވެ. ދެމީހުން އެކުގައި ހިނގާލާފައި ދިޔައީ، އިބާ ބުނި ފިހާރައާއި ދިމާއަށެވެ. "ކީއްވެ ނަޖާތު ގޮވައިގެން ނުދިޔައީ؟" ވިރުދާ އަހައިލިއެވެ. "ތިކަހަލަ ކަމެއްގަ ބޮޑަށް ފެމެލީ މީހަކާ އެކީ ދިޔެއްޔާއެއްނު ރަނގަޅުވާނީ...." ރޫބީ އިސްޖަހައިލިއެވެ. ނަޖާތުގެ ފަރާތުން ކުރިން ފެނުނު ގާތްކަން ރޫބީއަކަށް އިހުސާސެއް ނުކުރެވެއެވެ. ގެއަށް މީހަކު ވައްދައިގެން ނަޖާތު އެހާ ހިތްހަމަނުޖެހެންޖެހޭ ސަބަބެއް ރޫބީއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ