ސްކޫލް ކްރިކެޓުގެ ޗެމްޕިއަންކަން ތާޖުއްދީނާއި ރެހެންދިއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް، އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ރެހެންދި ސްކޫލް ހޯދައިފިއެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފައިވަނީ ފައިނަލުގައި މުހްޔިއްދީން ސްކޫލުގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ގުރު ދިމާވުމުން ތާޖުއްދީން ސްކޫލް ގަސްތުކުރީ އުކުމަށެވެ. މުހްޔިއްދީން ސްކޫލް ކުޅެންއަރައި ފަސް އޯވަރު ހަމަވިއިރު ހެދިފައިވަނީ 48 ލަނޑެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރައި ފަސް އޯވަރު ހަމަވިއިރު ހެދިފައިވަނީ 51 ލަނޑެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލުގެ ޔޫސުފް އިޒާން ޖިނާހެވެ. މުބާރާތުގެ 14 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ތާޖުއްދީން ސްކޫލް -- ފޮޓޯ/ ކްރިކެޓް ބޯޑް މީގެ އިތުރުން މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލް ހޯދައިފައިވަނީ ތާޖުއްދީން ސްކޫލުގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ގުރުދިމާވުމުން ރެހެންދި ސްކޫލް ކުޅެންއަރައި 10 އޯވަރު ތެރޭގައި 122 ލަނޑު ހެދިއެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރައި 10 އޯވަރު ހަމަވިއިރު ހެދިފައިވަނީ 84 ލަނޑެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލުގެ ޔޫސުފް އިޒާން ޖިނާހެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިބްރާހީމް އަބާން އަޒްލިފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ