ވޭޕު ކޮށްގެން މިދިޔަ މަހު 39 މީހަކު ޖޫރިމަނާކުރި، ދައުލަތަށް 192،500 ރުފިޔާ

ވޭޕު ކޮށްގެން މިދިޔަ މަހު 39 މީހަކު ޖޫރިމަނާ ކުރިކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް އެތަކެތި ގެންގުޅޭ މީހުންގެ އަތުން، އަތުލުމުގެ ބާރު ތަންފީޒީ ބާރުތަކަށް ވަނީ ދީފަ އެވެ.
Advertisement
ފުލުހުން ބުނީ މިދިޔަ މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުން ޖޫރިމަނާ ކޮށް 192,500 ރުފިޔާ ވަނީ ހޯދާފަ އެވެ.
ގަވާއިދުގައިވާ ގޮތުން ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމާއި ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާ އިން އަދި ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުުރުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ