ކޮމިޓީއަށް ހާޒިރުވެ، ޖަވާބުދާރީވުމުގެ ފުރުސަތު އަޒްމިރަލްދާއަށް ނުދޭން ކޮމިޓީން ނިންމައިފި
ކޮމިޓީއަށް ހާޒިރުވެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރަށް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން މައްސަލަ ނިންމައި މަޖިލީހަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި މަހާޒާއި އަޒްމިރާލްދާގެ މައްޗަށް، އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އެ ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީއިން ވަނީ ނިންމައިފައެވެ. ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ. މި މައްސަލައިގައި އަޒްމިރަލްދާ އާއި މަހާޒް އެދިވަޑައިގެންފައި ވަނީ، އެ ބޭފުޅުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ބޭފުޅުންގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ. އެކަމާ ގުޅިގެން މިއަދު ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ޖޭއެސްސީން ހުށަހެޅި ރިޕޯޓާއި އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ އެއްކޮށް ބެލުމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ. ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް އެ ހުށަހެޅުމަށް ކޮމިޓީގެ މެންބަރުންގެ ވޯޓަށް އެހުމުން އަށް މެންބަރުން ތާއިދުކުރެއްވިއިރު، އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން، އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ޖޭއެސްސީން މި މައްސަލަ ބަލާފައި ވަނީ، އިޖުރާއަތްތަކާ އެއްގޮތައްކަން ކޮމިޓީން ބަލަން ޖެހޭއިރު، ޖޭއެސްސީގެ ރިޕޯޓަށް ބެލުމުން އިޖުރާއަތްތަކާ ޚިލާފުވެފައިވާ ކަން އެނގޭ ކަަމަށެވެ. އެގޮތުން، މައްސަލައިގައި ފުރަތަމަ ބުނާ ނޯޓިހާއި ކުރާ ތުހުމަތު ކޮމިޓީގެ ފަހުގެ ރިޕޯޓުގައި ބަދަލުކޮށްފައިވާ ކަމަށާއި އެއީ، އިޖުރާއަތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެގޮތަށް ބަދަލުވެފައި ހުރިކަން ޖޭއެސްސީން ފާހަގަކޮށްފައިވާއިރު، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެކަމަށް މައުރޫފް ގަބޫލުކުރައްވައެވެ. މައުރޫފް ވަނީ، އެކަމުގައި ކޮމިޓީއަށް ހާޒިރުކޮށް، މައުލޫމާތު ސާފުކުރުމަށް ޖޭއެސްސީއާއި އަޒްމިރަލްދާގެ އިތުުރުން މަހާޒަށް ފުރުސަތު ދިނުމަށް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ތެރެއިން: އެ ކޮމިޓީން ވަނީ އަޒްމިރަލްދާ އެކޮމިޓީއަށް ހާޒިރުކުރުމަށް ފުރުސަތު ނުދޭން ނިންމާފައި ---- ފޮޓޯ/ މަޖިލިސް އެ ހުށަހެޅުމަށް ނާޒިލް ތާއިދު ކުރެއްވިއިރު، ކޮމިޓީގެ ޕީއެންސީއަށް ނިސްބަތްވާ, ހަތް މެންބަރުންގެ ވޯޓާއެކު ވަނީ އެ ފުރުސަތު ނުދިނުމަށް ފާސްކޮށްފައެވެ. އަޒްމިރަލްދާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި، އޭނާއާމެދު ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ޚިިލާފަށް، ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ މައްޗަށް ހިންގައިފައިވާ ތަހުގީގަކުން ނިންމި ނިންމުމެކެވެ. ޖޭއެސްސީގައި އަޒްމިރަލްދާގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވައިލަން ވެސް އެދިވަޑައިގެންފައެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ. އެ ފަހުން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހަކީ އެ މައްސަލައާ ގުޅޭ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. ނަމަވެސް، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން ފުލް ބެންޗުން ބަލަމުން އައި އެ މައްސަލަ މަޑު ޖެހުނީއެވެ. ސަރުކާރު މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ބަލަމުން ދަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު މިކަމާ ގުޅިގެން އުއްތަމަފަނޑިޔާރުގެ ޒިންމާތައް އަދާ ނުކުރައްވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެހެން އެކަން އޮށްވައި މިދިޔަ ބުރާސްފަތި ދުވަހު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ