19 ވަނަ މަޖިލީހުން ފަނޑިޔާރުން ވަކިކުރީ ފަޓާސްބަރިއެއްހެން ކަމަށް ވިދާޅުވެ ހުސްނީ މުބާރަކު ހެއްދެވީ ދޮގެއް! 19 ވަނަ މަޖިލީހުން ފަނޑިޔާރުން ވަކިކުރީ ފަޓާސްބަރިއެއްހެން ކަމަށް ވިދާޅުވެ ހުސްނީ މުބާރަކު ހެއްދެވީ ދޮގެއް!

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން 19 ވަނަ މަޖިލީހުން ވަކިކުރީ، އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅި ދުވަހު ވަގުތުން ކޮމިޓީގެ މަސައްކަތް ވެސް ނިންމައި، އެ ދުވަހު ވޯޓަށް އަހައިގެން ކަމަށް ވިދާޅުވެ ޖުޑީޝަރީ ކޮމިޓީގެ މިހާރުގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ދޮގު ހައްދަވައިފި އެވެ.
ހުސްނީ މުބާރަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު ފަނޑިޔާރުން ވަކިކުރަން 19 ވަނަ މަޖިލީހުން ފާސްކުރީ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ކިޔާލަން ވެސް މެންބަރުންނަށް ފުރުސަތު ނުދީ ކަމަށެވެ.
"19 ވަނަ މަޖިލީހުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ވަކިކުރި، މަޖިލީހަށް ހުށަހެޅި ދުވަހު، ކޮމެޓީއަށް ފޮނުވައި، ހަމަ އެ ދުވަހު ކޮމެޓީން ގޮތް ނިންމި، ރިޕޯޓު ކިޔާލަން ވެސް ވަގުތު ނުދޭ، ހަވާ ފަޓާސް ބަރިއެއްހެން، އޭރު އޯކޭ،" ހުސްނީ މުބާރަކު ވިދާޅުވެފައިވެ އެވެ.
ހުސްނީ މުބާރަކު އެހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތަކުންނާއި ނޫސްތަކުގައި އޭރު ލިޔެފައި ހުރި ހަބަރުތަކުން އެއީ ކަނޑައެޅިގެން ދޮގެއްކަން އެނގެ އެވެ.
ނަވާރަ ވަނަ މަޖިލީހުން ސުޕްރީމް ކޯޓުން ވަކިކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު، އަހުމަދު އަބްދުالله ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ފަނޑިޔާރު އަބްދުالله ދީދީ އަދި ފަނޑިޔާރު އަބްދުލްގަނީ އެވެ.
އޭގެ ތެރެއިން އޭރުގެ އުއްތަމަ ފަނޑިޔާރު، އަހުމަދު އަބްދުالله ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ނޮވެމްބަރު 14، 2019، ގަ އެވެ. އެ ދުވަހުގެ ޔައުމިއްޔާއިން އެނގޭ ގޮތުގައި އެ ދުވަހު މަޖިލީހުގެ ތަޅުމުގައި އެކަމާ ގުޅޭ ގޮތުން ހަމައެކަނި ކުރި މަސައްކަތަކީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމެވެ.
އުއްތަމަ ފަނޑިޔާރު، އަހުމަދު އަބްދުالله ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ނޮވެމްބަރު 18، 2019، ގަ އެވެ. އެ ދުވަހުގެ ޔައުމިއްޔާ ވެސް މަޖިލީހުގެ ވެބްސައިޓުން މިހާރު ވެސް ފެންނަން އެބަ އޮތެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ އޯގަސްޓު 27، 2019، ގަ އެވެ. އެ ދުވަހުގެ ޔައުމިއްޔާއިން އެނގޭ ގޮތުގައި އެ ދުވަހު މަޖިލީހުގެ ތަޅުމުގައި އެކަމާ ގުޅޭ ގޮތުން ހަމައެކަނި ކުރި މަސައްކަތަކީ އެ މައްސަލަ ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމެވެ.
ފަނޑިޔާރު، އަބްދުالله ދީދީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ނޮވެމްބަރު 28، 2019، ގަ އެވެ. އެ ދުވަހުގެ ޔައުމިއްޔާ ވެސް މަޖިލީހުގެ ވެބްސައިޓުން މިހާރު ވެސް ފެންނަން އެބަ އޮތެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުލްގަނީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ނޮވެމްބަރު 27، 2019، ގަ އެވެ. އެ ދުވަހުގެ ޔައުމިއްޔާއިން އެނގޭ ގޮތުގައި އެ ދުވަހު މަޖިލީހުގެ ތަޅުމުގައި އެކަމާ ގުޅޭ ގޮތުން ހަމައެކަނި ކުރި މަސައްކަތަކީ އެ މައްސަލަ ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމެވެ.
ފަނޑިޔާރު އަބްދުލްގަނީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޑިސެމްބަރު 4، 2019، ގަ އެވެ. އެ ދުވަހުގެ ޔައުމިއްޔާ ވެސް މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވެސް ފެންނާނެ އެބަ އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ