ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވީ ވައުދާ ހިލާފަށް، ނުފޫޒު ފޯރުވަން ކުރާ މަސައްކަތާ ގުޅޭ ގޮތުން އިއްޔެ އަދަދު ނޫހުގައި ގެނެސްދިން ލިޔުންތަކުގެ ތެރެއިން ތިރީގައި މިވަނީ އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ލުޔުނު ލިޔުމެކެވެ.
--
ސިޔާސީ ހުރިހާ ކާޑެއް މި ވަގުތު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގަ އެވެ.
ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސް މުއިއްޒުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 75 ގޮނޑީގައި އިންނަވަނީ އެ ޕާޓީގެ މެންބަރުންނެވެ.
ފެންނަ ފެނުމަށް، ހަމަ ގައިމު ވެސް ޕީއެންސީގެ މެންބަރުން މަސައްކަތް ކުރަނީ ރައީސް މުއިއްޒަށް ވަފާތެރިކޮށެވެ. މަޖިލީހުގައި ވާހަކަ ދައްކާ ގޮތާއި ވޯޓު ދޭ ގޮތުން އެކަން އިންތިހާއަށް ސާފެވެ.
އެކަމަކު، މި ވަގުތު އެ މެންބަރުން ތިބީ ފާޑެއްގެ ކަސްތޮޅެއްގަ އެވެ. ނޮވެމްބަރު 20، 2024، ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ.
މިހާރު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރި ނަމަވެސް އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އެހެންކަމުން، ޕީއެންސީ ކެނޑިއްޖެ ނަމަ ނުވަތަ ވަކި ކުރި ނަމަވެސް މަޖިލީހުގެ ގޮނޑި ވެސް މެންބަރަކަށް ގެއްލޭނެ އެވެ.
އެކަމަކު، އަސާސީއަށް ގެނައި އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލައެއް ވައްދައިފަ އެވެ. އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން އެދިފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރުމަށެވެ. އިސްލާހު ބާތިލުވެއްޖެ ނަމަ އެ މެންބަރަކު ބޭނުންވާ ޕާޓީއަކަށް ބަދަލުވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ޕީއެންސީގައި ތަޅުއެޅުވިފައި ތިބުން އެކަކަށް ވެސް ލާޒިމެއް ނުވާނެ އެވެ.
ގާނޫނުއަސާސީއަށް ނޮވެމްބަރު މަހު ގެނައި އިސްލާހު ބާތިލުކޮށްފި ނަމަ ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ލިބިފައި އޮތް ބޮޑު ބާރެއް ގެއްލިގެންދިޔައީ އެވެ. އެކަމަކު، ކޯޓުން މައްސަލަ ނިންމާހާ ގޮތަކަށް ބަލަން ތިބެން ސަރުކާރުން ބޭނުމެއް ނޫނެވެ. ކޯޓުގައި މައްސަލަ ހިނގަހިނގާ ހުއްޓައި ކުއްލި ގޮތަކަށް މަސައްކަތް ފެށީ ކޯޓުން ބައެއް ފަނޑިޔާރުން ވަކި ކުރުމަށެވެ.
ހުލާސާކޮށް އިއްޔެ: މިއީ ނުފޫޒު ފޯރުވުން ހުލާސާކޮށް އިއްޔެ: މިއީ ނުފޫޒު ފޯރުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ