ލެޖެންޑް އަދި ކޮމެންޓޭޓަރާ ދެކޮޅަށް އިންޑިޔާގެ ކެޕްޓަން މައްސަލަ ޖައްސައިފި

އިންޑިޔާގެ ގައުމީ ކްރިކެޓް ކެޕްޓަން ރޯހިތް ޝަރުމާ އެ ގައުމުގެ ކުރީގެ ލެގެންޑް އަދި ކޮމެންޓޭޓަރަކާ ދެކޮޅަށް ކްރިކެޓް ބޯޑަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އިންޑިޔާގެ ކްރިކެޓްގެ މައި އިދާރާ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އޮފް އިންޑިޔާ (ބީސީސީއައި) އަށް ޝަރުމާ ހުށަހަޅާފައިވަނީ ކުރީގެ ކުޅުންތެރިޔާ ސުނިލް ގަވަސްކަރުގެ މައްސަލައެކެވެ. ސުނިލް އަމީ މިހާރު ކްރިކެޓް ކޮމެންޓޭޓަރެކެވެ.
ޝަރުމާ މައްސަލަ ޖެއްސީ އިންޑިޔާ އެންމެ ފަހުން އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުނު ޓެސްޓް މެޗުތަކުގައި ޝަރުމާ ދެއްކި ކުޅުމަށް ސުނިލް ގަވަސްކަރު ވަރަށް ބޮޑަށް ފާޑުކިއުމާ ގުޅިގެންނެވެ.
އިންޑިޔާގެ އޯޕަނިން ބެޓްސްމަން ޝަރުމާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ސުނިލް ގަވަސްކަރުގެ ކޮމެންޓަރީއާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި އަބަދުވެސް އޭނާގެ ފުށުން އިވެމުންދަނީ ގޯސް ވާހަކަތައް ކަމަށެވެ.
އުމުރުން 36 އަހަރުގެ ޝަރުމާ މި ފަހުން ކުޅުނު ގިނަ މެޗުތަކުގައި ވަނީ ފޯމު ކަޓާފަ އެވެ. އޮސްޓްރޭލިޔާއާ ދެކޮޅަށް އޭނާ އަށް ހެދުނީ އެންމެ 31 ލަނޑެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޓެސްޓް ކެރިކެޓްގެ ފަހު މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުޅެން ނިންމީ ވެސް ޝަރުމާ އަމިއްލަ އަށެވެ. މިއާއެކު ވެސް އޭނާ އަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތި އެވެ.
ކްރިކެޓާ ބެހޭ ގޮތުން ގަވަސްކަރު ލިޔަމުންދާ ސިޑްނީ މޯނިން ހެރަލްޑް ނޫހުގެ ކޮލަމުގައި އޭނާ ބުނެފައިވަނީ ރޯހިތުގެ ކުޅުން ރަނގަޅު ނުވާނަމަ ކެޕްޓަންކަން ދޫކޮށްލަން އަމިއްލަ އަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި މި ކަމަކީ ޓީމުގެ ސެލެކްޓަރުން ކުރަންޖެހޭ ކަމެއްނޫން ކަމަށާއި މިއީ ކުޅުންތެރިޔާ އަމިއްލަ އަށް ޒިންމާ ނަގައި އިސްނަގައިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނަނީ ސުނިލް ގަވަސްކަރުގެ މި ބަސްތަކުގެ ސަބަބުން ރޯހިތަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އަދި މިއީ އޭނާގެ ކުޅުން އިތުރަށް ގޯސްވެ، އަދި އަމިއްލަ ނަފްސަށް އިތުބާރު ގެއްލުނު ކަމެއް ކަމަށެވެ.
"ރޯހިތަށް ގަބޫލު ކުރެވުނީ ގަވަސްކަރު މިފަދަ ގޮތަކަށް އޭނާ އަށް ފާޑުކިޔަން ނުޖެހޭ ކަމަށް. ކެޕްޓަން ބައެއް ފަހަރު ތަފާތު ސަބަބުތަކާހުރެ ޕްރެޝަރުގައި ހުންނާނެ. އަދި ގަސްވަރުގެ ވާހަކަތަކުގެ ސަބަބުން އޭނާ އިތުރަށް ޕްރެޝަރަށް ދިޔަ. ސަބަބަކީ ގަވަސްކަރު ފަދަ އިހްތިރާމް ލިބިގެންވާ ލެޖެންޑެއްގެ ފާޑުކިއުން އެގޮތަށް ހުރުމުން،" އިންޑިޔާގެ ކްރިކެޓް ބޯޑުގެ އިސް ފަރާތްތަކާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ސުނިލް ގަވަސްކަރަކީ އިންޑިޔާގެ ކުރީގެ ކުޅުންތެރިންގެ ކޮމެންޓޭޓަރަކަށް މަސައްކަތް ކުރާއިރު ގިނަ ބަޔަކު ބަލައިގަންނަ ފަރާތަކެވެ. އޭނާގެ ބަސްތަކުގެ ސަބަބުން ރޯހިތުގެ ކެރިއަރަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
2003 ވަނަ އަހަރުގެ ވޯލްޑްކަޕް އިންޑިޔާ އަށް ހޯދައިދިން ޓީމުގައި ވެސް ކުޅުނު ރޯހިތް ޝަރުމާގެ ކެޕްޓަންކަމުގައި އިންޑިޔާ އެންމެ ފަހުން ކުޅުނު މުބާރާތަކީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ފައިނަލުން ބަލިވީ އެވެ. ކުރިއަށް އޮތީ އަންނަ މަހު ފަށާ އޭސީސީ ޗެމްޕިއަންސް ޓްރޮފީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ