އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ އެއްވެސް އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުން އީސީން ގޮވާލައިފި އެވެ.
އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ހިންގަން އެދޭ ކަމަށާއި މި އިންތިހާބާ ގުޅިގެން ކުރާ ކެމްޕޭންތަކުގައި ހަރަކާތްތެރިވާ ގާނޫނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެދޭ ކަމަށެވެ.
"... ތާއީދު ހޯދަން ރާވާ ހިންގާ ހަރަކާތައް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާ ހިލާފު ނުވާނެ ގޮތަށް ކުރިޔަށް ގެންދަން އިލްތިމާސް ކުރަމެވެ،" އީސީގެ ބަޔާނުގައި ވެއެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބުނެ އެވެ. އަދި އެހެން ކެންޑިޑޭޓުންނާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނާއިރު އެ މާއްދާގެ (ނ) ގައި އެފަދަ އަމަލެއް ހިންގައިފިނަމަ އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅައި އެކަމެއް ހުއްޓުވައި ދިނުމަށް އެދުމުގެ ހައްގު ކެންޑިޑޭޓުންނަށް ލިބޭ ކަމަށް ބުނެ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ހަތަރު ކެންޑިޑޭޓަކު ވާދަ ކުރާއިރު އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމާއި އެމްޑީޕީގެ ކެންޑިޑޭޓުންނާއި އަމިއްލަ ދެ ކެންޑިޑޭޓެކެވެ.
ދިއްގަރު ދާއިރާގެ ކެމްޕޭނުގައި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން ނުދޭން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ