އިންޑިއާ އާ ހަނގުރާމަ ކުރާކަށެއް ބޭނުމެއްނޫން: ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު

އަވައްޓެރި އިންޑިއާ އާ އެއްވެސް ގޮތަކަށް ކުރިމަތިލުމަކަށްދާން ބޭނުންނުވާކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޙަވާޖާ މުޙައްމަދު އާސިފް ވިދާޅުވެއްޖެއެެވެ.
ކަޝްމީރުގެ ރަށެއްކަމަށްވާ ބަހަލްގަމްގައި ދިން ހަމަލާތަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. މި ހަމަލާއަށްފަހު ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް އެއްޤައުމު އަނެއްޤައުމާ ވަގުތީގޮތުން މިހާރުވަނީ ގާތްގަނޑަކަސް ކަނޑާލާފައެވެ. ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން ނިއުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ޕާކިސްތާނުގެ ދިފާއީ ވަޒީރު ޙަވާޖާ މުޙައްމަދު އާސިފް ވިދާޅުވީ، ޕާކިސްތާނާ އިންޑިއާ އާ ދެޤައުމުގެ ގުޅުން ކިތަންމެ ގޯސްވިނަމަވެސް ހަނގުރާމައެއް ފެށުމަކީ ޕާކިސްތާނުން އެދޭނޭގޮތެއް ނޫންކަމަށެވެ. އާސިފް ވިދާޅުވީ ޕާކިސްތާނުން އިންޑިއާ އާ ދެކޮޅަށް ހަނގުރާމައެއް ފަށަން ބޭނުން ނުވާކަމަށެވެ. ދެޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ އެއީ އޭޝިއާ ސަރަހައްދަށް ކުރިމަތިވެގެންދާނޭ ބޮޑު ގެއްލުމަކަށްވާނޭކަމަށް އޭނާ ވިދާޅުވިއެވެ.
ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލް ކުރަމުން އަންނަ ސަރަހައްދަށް ދިން މި ހަމަލާއާ ގުޅިގެން އިންޑިއާ ސިފައިން ގެންދަނީ ކަޝްމީރުގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި ކަޝްމީރުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާ ކިރިޔާވެސް ގުޅުން އޮންނަހެން ހީވާ ތަންތަން ބިމާ ހަމަކުރަމުންދާކަމަށް ޕާކިސްތާނަށް ތާއީދުކުރާ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
Advertisement
ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ޓެރަރިސްޓުންނަށް ދޫދިނުމެއްނެތްކަމަށް ވިދާޅުވެފައެވެ. 
މިދިޔަ އަންގާރަދުވަހު ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށްދިން އެ ހަމަލާތަކުގައި 26 މީހަކު މަރާލާފައިވާއިރު 40 ހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިއީ މި ފަހަކަށްއައިސް ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ