ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތައް ލުއިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓުން މިއަދު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
ތަފްސީލް - ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އާއްމުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މެޓުން ނެރެފައިވާ މޫސުމީ އެލާޓުގައި ވާގޮތުން:
ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަކުރާނެ
ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ
ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް އުފުލޭނެ
ރޯދަމަހާ ދިމާކޮށް މޫސުން ގޯސްވެއްޖެ؛ ސަރުކާރުން ފިޔަވަޅުތައް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ