ފުލުހުންގެ 75 މަރުކަޒު ބިނާކުރަން ސޮއިކޮށްފި

ފުލުހުންގެ ގިނަ މަރުކަޒުތަކެއް ބިނާކުރަން ފަށަން ސަރުކާރުގެ ތިން ކުންފުންޏާ އެކު ރޭ ސޮއިކޮށްފިއެވެ. އެ މަޝްރޫއުތައް ފެށުމަށް ފުލުހުން ރޭ ސޮއިކުރީ އެމްޓީސީއާއި ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކުގައެވެ. ފުލުހުން ބުނީ، އެ ކުންފުނިތަކާ އެއްކޮށް ސޮއިކުރީ އިންފްރާންސްޓަކްޗާގެ 75 މަޝްރޫއެއް ފެށުމަށް ކަމަށާއި މި އަހަރަކީ އުމްރާނީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، އާރްޑީސީއާ އެކު 20 އެއްބަސްވުމުގައި ސޮއިކުރިއިރު، ފެނަކައާ އެކު ހެދީ 40 އެއްބަސްވުމެވެ. އަދި، އެމްޓީސީސީއާއެކު ފުލުހުން ވަނީ 15 އެއްބަސްވުން ހަދާފައެވެ. ފުލުހުން ބުނި ގޮތުގައި، މި ދައުރުގެ ޚިދުމަތް ފެށިއިރު ފުލުހުންގެ ޚިދުމަތް ގާއިމުނުވާ 70 ރަށް އެބައޮތެވެ. ރޭ ސޮއިކުރި އެއްބަސްވުންތަކާ އެކު، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތާ އެއްކޮށް ފުލުހުންގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ. މީގެ އިތުރުން، މަޝްރޫއުތައް ނިމޭއިރު، މީހުން ދިރިއުޅޭ ރަށްތަކުގެ ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ އަމިއްލަ ޒަމާނީ މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށާއި ފުލުހުންގެ ބަޖެޓުގެ ޚަރަދު ކުޑަކޮށް، ޚިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުވާނެ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި، ރީޖަނަލް ލެވެލާއި އަތޮޅު ލެވެލްގެ ތަންތަނާއި ރަށް ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުގެ އިތުރަށް ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ