ސުޕްރީމް ކޯޓް ފަނޑިޔާރުންނާ ގުޅޭ މައްސަލަ ހުށަހަޅަން ޕީއެންސީ މެންބަރުން ގާތު އެދެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މެންބަރުން ގާތު މިއަދު އެދެފިއެވެ. މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެ މައްސަލައާ ގުޅުވައި ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ ބައެއް ސީނިއާ މެންބަރުންނާ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑާޝިޕުން މިއަދު ވަނީ މަޖިލީހުގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު 11:15 ގައި މަޖިލީހުގެ އިދާރާގައެވެ. އެ "ޚާއްސަ" ބައްދަލުވުމަށް ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނަށް ވަނީ ދައުވަތު ދީފައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ސީނިއާ މެންބަރަކު ވިދާޅުވީ، އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއާއި ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މެންބަރުންގެ ކިބައިން އެދިވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ކުއްލި މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތައް ހުށަހަޅައިދެއްވުމަށެވެ. ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް: ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ގުޅޭ މައްސަލަ ހުށަހަޅަން ޕީއެންސީ މެންބަރުން ގާތު ވަނީ އެދިފައި -- ފޮޓޯ/ މަޖިލީސް އެކަމަކު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުންތަކެއް އެ ކަމަށް ދެކޮޅު ހެދި ކަމަށް އެ މެންބަރު ވިދާޅުވިއެވެ. "އަބްދުއްރަޙީމް ވެސް ވިދާޅުވި މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫނޭ ކޯޓުގައި ހިނގަމުން އަންނަ މައްސަލައަކަށް އެ ގޮތަށް ނުފޫޒު ފޯރުވުމަކީ،" ސީނިއާ މެންބަރަކު ވިދާޅުވިއެވެ. މެންބަރުންގެ މެދުގައި އެ ކަމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި މަޝްވަރާކުރެއްވުމަށް ފަހު ގޮތެއް ނިންމާށެވެ. މި ކަމާ ގުޅިގެން އަބްދުއްރަޙީމާއި ފަލާހްގެ ބަހެއް ހޯދަން "ސަން" އިން މަސައްކަތްކުރި ނަމަވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރި ފަހުން ފުރަތަމަ ފަހަރަށް އަބްދުއްރަޙީމް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސް އޮފީހުގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމާ ގުޅޭ މާ ބޮޑު ތަފުސީލެއް ރައީސް އޮފީހުން ނުދެއެވެ. https://www.sun.mv/202820 އެކަމަކު، އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ބައްދަލުވުމަކީ މި އަހަރު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ހުރި މުހިންމު ބިލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވެސް ބައިވެރިވެވަޑައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް އެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ އެ އިސްލާހު ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާކަން ފާހަގަކޮށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލަން ނިންމައިފައެވެ. އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން މައްސަލައިގައި ޖަވާބުދާރީވާން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. https://www.sun.mv/202723 ސުޕްރީމް ކޯޓުގައި އެ މައްސަލަ ބަލަނީ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. މިއީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. މިދިޔަ މަހު 28 ގައި ވަޒީރުކަމުން ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެކު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް އެއްބަސްވެލައްވާފައެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން އަބްދުއްރަހީމެއް ނުފެނެއެވެ. އެކަމަކު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އަބްދުއްރަޙީމް މިހާރު ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން ވެސް ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ