ފަބްރެގަސްގެ ކޯމޯ އިން ކޮންޓޭގެ ނަޕޯލީ ބަލިކޮށްފި ފަބްރެގަސްގެ ކޯމޯ އިން ކޮންޓޭގެ ނަޕޯލީ ބަލިކޮށްފި

މިލާން (ފެބްރުއަރީ 23) - އިޓާލިއަން ލީގުގައި ސެސްކް ފަބްރެގާސް ކޯޗުކޮށްދޭ ކޯމޯ އިން 2-1 އިން އެންޓޯނިއޯ ކޮންޓޭ ހަވާލުވެހުރި ނަޕޯލީ ބަލިކޮށްފި އެވެ
މީގެ 11 ވަރަކަށް އަހަރު ކުރިން، ކޮންޓޭ ވަނީ ފަބްރެގަސް އަށް ޗެލްސީގައި ކޯޗުކޮށްދީފަ އެވެ.
ކޯމޯ އަތުން ބަލިވެ، ނަޕޯލީ އަށް އަލުން ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނީ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ރޭ ޖެނޯއާ އަތުން މޮޅުވެ، 26 މެޗުން 57 ޕޮއިންޓް ހޯދި އިންޓަ މިލާން އެވެ. އަދި ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 26 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.
ކޯމޯ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ނަޕޯލީގެ އާމިރު ރަހުމާނީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ކޯމޯގެ މަޓެއޯ ޕޮލިޓާނޯ އެތްލި ދިގު އެއްލުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރަހުމާނީ ޖައްސާލި ބޯޅައެއް ބައިކޮޅަށް ވަދެގެން ކޯމޯ އިން ޖެހި ގޯލެކެވެ. ނަޕޯލީގެ ކީޕަރު، އަލެކްސް މެރެޓް ހުރީ ބޯޅަ ގޯލަށް ވަންއިިރު، ތަންކޮޅެއް ބޭރުގަ އެވެ.
މެޗުގެ ކުރީކޮޅުގައި ލީޑުނެގި ކޯމޯ އަށް ކުރީގައި އޮވެވުނީ 10 މިނިޓެވެ. މެޗުގެ 17 ވަނަ މިނިޓްގައި، ނަޕޯލީގެ ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ގޯލު ޖަހައި އެއްވަރުކޮށްދީފަ އެވެ.
ކޯމޯ މޮޅުވި ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ، 19 އަހަރުގެ އަސާނޭ ޑިއާއޯ ޖެހި ގޯލެކެވެ. މި ލަނޑުން ކޯމޯ މެޗު ކާމިޔާބުކުރިއިރު، މިއީ ނަޕޯލީ އަތުން ތާރީހުގައި ވެސް ލީގުގައި ކޯމޯ އަށް ލިބުނު ދެ ވަނަ މޮޅެވެ. ފުރަތަމަ މޮޅު ހޯދީ، 1952 ވަނަ އަހަރު އެވެ.
މި ނަތީޖާއާ އެކު، ކޯމޯ އޮތީ އިޓާލިއަން ލީގުގެ 13 ވަނައިގަ އެވެ. އެއީ، 26 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ