އަމްސްޓެޑަމް، ނެދަލެންޑްސް (ފެބްރުއަރީ 23) - ފެޔަނޫޑްގެ ކޯޗަކަށް އެ ޓީމަށް ދެ ފަހަރެއްގެ މަތިން ކުޅެ، ޔޫތު ލެވަލްގައި ކޯޗިން މަސައްކަތް ވެސް ކުރި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ރޮބިން ވެން ޕާސީ ހަމަޖައްސަައިފި އެވެ.
ވެން ޕާސީ ވަނީ، ފެޔަނޫޑާ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ކުރިން އޭނާ ހަވާލުވެހުރި، ނެދަލެންޑްސްގެ ކްލަބް، ހީރެންވީންގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. މިދިޔަ މެއި މަހު ވެން ޕާސީ، ހީރެންވީނާ ހަވާލުވުމުގެ ކުރިން، ފެޔަނޫޑްގެ ޔޫތު ޓީމަށް ކޯޗުކޮށްދީފަ އެވެ.
ދެ ފަަހަރެއްގެ މަތިން ފެޔަނޫޑަށް ކުޅުނު ވެން ޕާސީ ވަނީ އެ ޓީމަށް ކުޅެދިން، 122 މެޗުން 46 ގޯލު ޖަހައިފަ އެވެ. ވެން ޕާސީ ބުނީ، ފެޔަނޫޑްގެ އޮފާ ލިބުމާ އެކު އިތުރަށް ވިސްނާނެ ކަމެއް ނެތް ކަމަށާއި ވަގުތުން އެ ޓީމުގެ ހުށަހެޅުން ބަލައިގަތީ ކަމަށެވެ.
"އެންމެނަށް ވެސް އެނގޭނެ އަހަންނާ ފެޔަނޫޑާ އޮތް ގާތްގުޅުން. މިއީ އަހަންނަށް ލިބުނު ފަހުރެއް، މި ޓީމަށް ކޯޗުކޮށްދޭން ފުރުސަތު ލިބުމަކީ،" އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ވެން ޕާސީ ބުންޏެވެ.
ނެދަލެންޑްސްގެ ލީގުގެ ތިން ވަނައިގައި ފެޔަނޫޑް އޮތީ އެއް ވަނައިގައި އޮތް އަޔަކްސް އަށް ވުރެ 11 ޕޮއިންޓު ފަހަތުގަ އެވެ. ފެޔަނޫޑްގެ ކޯޗަކަށް ހުރި، ބްރިއާން ޕްރިސްކާ ވަނީ އެ ޓީމުގެ ލީގު ފޯމު ދަށްވުމުން މިދިޔަ ހަފްތާގައި ވަކިކޮށްފަ އެވެ. އެއީ، ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗަށް ބަލާއިރު މޮޅުވީ އެންމެ މެޗެއްގައި ކަމަށްވާތީ އެވެ.
ވެން ޕާސީގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ، އެރިކް ޓެން ހާގާ އެކު، ޔުނައިޓެޑްގައި މަސައްކަތްކުރި، ރެނޭ ހަކޭ އެވެ.
ފެޔަނޫޑްގެ ކޯޗަކަށް ވެން ޕާސީ ހަަމަޖައްސައިފި ފެޔަނޫޑްގެ ކޯޗަކަށް ވެން ޕާސީ ހަަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ