މާދަމާއަށް ޝެޑިއުލްކޮށްފައި އޮތް 17 ފްލައިޓެއް ކެންސަލްވެއްޖެ

ގަލްފް ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް މާދަމާ އޮޕަރޭޓުކުރަން އޮތް 17 ފްލައިޓެއް ކެންސަލްވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކޮމާޝަލް ވައިގެ ދަތުރުފަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ތަފްސީލް - ރާއްޖެއަށް މައިގަނޑު ގޮތެއްގައި ފަތުރުވެރިން އުފުލާ ބޮޑެތި އެއާލައިންތަކަކީ މެދުއިރުމަތީގެ ގައުމުތަކުގެ އެއާލައިންތަކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުތައް ކެންސަލް ކުރި އެއާލައިންތަކަކީ އެމިރޭޓްސް، ގަތަރު އެއާވޭސް، ފްލައިދުބާއީ، ގަލްފް އެއާ، އިއްތިހާދު އަދި އެއާ އަރަބިއާ އެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދު ވެސް 19 ފްލައިޓެއް ކެންސަލްވެ، 3،500އަށް ވުރެ ގިނަ ފަސިންޖަރުންނަށް އޭގެ އަސަރު ކުރި ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓި، ރާއްޖެ އަންނަ ފަތުރުވެރިންގެ %30-%35 މަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ފަތުރުވެރިން އިތުރުކުރެވޭނެ އެހެން ގޮތްތައް ހޯދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިތުރު ގޮތްތައް ހޯދަމުން މިދަނީ،" ތޯރިގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ކޮބާތޯ އިތުރު އޮޕްޝަންތަކަކީ ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ހުރި އަދި އިތުރު މާކެޓުތަކަކީ ކޮބާތޯ ބަލާ އެއަށް އަންނަ ހީނަރުކަން ވީހާ ވެސް ކުޑަކުރުމަށް."
އެގޮތުން، މެދުއިރުމަތީގައި ޓްރާންސިޓް ނުކުރާ ފްލައިޓުތަކުގެ ފްރިކުއެންސީ އިތުރުކުރެވޭނެ ގޮތްތައް ބަލާ، ހާއްސަކޮށް ޗައިނާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ފްލައިޓު ފްރިކުއެންސީ އިތުރުކޮށް ފަތުރުވެރިންގެ އަދަދު މަދުވުމުގެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ