ކަނޑުމަތީގެ ހަމަނުޖެހުންތައް ވަރުގަދަވަމުންދަނިކޮށް، ގޮވާތަކެތި ބަރުކޮށްފައިވާ އީރާނުގެ ބޯޓުތަކަކުން އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ އުފުލާ ދެ ޓޭންކަރަކަށް އިއްޔެ ހަމަލާދީ، އޭގައި އަލިފާން ރޯކޮށްލައި ފަޅުވެރިއަކު މަރާލާފައިވާ ކަމަށް ބަނދަރުގެ އޮފިޝަލުންނާއި ކަނޑުމަތީގެ ސަލާމަތީ ފަރާތްތަކުން ބުނެފި އެވެ.
އިރާގުގެ ސްޓޭޓް އޯގަނައިޒޭޝަން ފޯ މާކެޓިން އޮފް އޮއިލް އިން ބުނި ގޮތުގައި، އިރާގުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި މާޝަލް އައިލެންޑްސްގެ ދިދަ ޖަހާފައިވާ 'ސޭފްސީ ވިޝްނޫ' އާއި މޯލްޓާގެ ދިދަ ޖަހާފައިވާ 'ޒެފީރޯސް'އަށް ހަމަލާދީފައިވަނީ އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ، އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރާ ސަރަހައްދެއްގަ އެވެ.
މި އުޅަނދުތަކުގައި އަލިފާން ރޯވެފައިވަނިކޮށް، ރެސްކިއު ޓީމުތަކުން ވަނީ 25 ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ވަނީ ކަނޑުގެ ތެރެއިން ބޭރު ގައުމެއްގެ ފަޅުވެރިއެއްގެ ހަށިގަނޑު ފެނިފައި،" ބަނދަރުގެ ސަލާމަތީ އޮފިޝަލަކު ވިދާޅުވި އެވެ.
ގެއްލިފައިވާ އެހެން ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން އިރާގުން ވަނީ އެ ގައުމުގެ ތެޔޮ ބަނދަރުތަކުގެ މަސައްކަތްތައް މެދުކަނޑާލާފަ އެވެ. ނަމަވެސް ވިޔަފާރި ބަނދަރުތައް އަދިވެސް ހުޅުވިފައި ހުރި ކަމަށްވެ އެވެ.
މި ހާދިސާއަކީ އީރާނާއި އެމެރިކާ-އިޒްރޭލުގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަނޑުމަތީގައި ދެވޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމެކެވެ. މިދިޔަ މަހުގެ 28ގައި ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް އެ ސަރަހައްދުގައި މަދުވެގެން 16 އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާ ނަމަ، މެދުއިރުމަތިން އެމެރިކާ، އިޒްރޭލު ނުވަތަ އެ ގައުމުތަކުގެ ބައިވެރިންނަށް 1 ލީޓަރު ތެޔޮ ވެސް ފޮނުވިޔަ ނުދޭނެ ކަމަށް އިންޒާރު ދީފަ އެވެ.
އިއްޔެ ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި ބައެއް އުޅަނދުތަކަށް ހަމަލާތަކެއް އަމާޒުވެފައިވެ އެވެ. އޭގެ ތެރޭގައި ތައިލެންޑްގެ ދިދަ ޖަހާފައިވާ 'މަޔޫރީ ނާރީ' ހިމެނެ އެވެ. މި އުޅަނދުގެ އިންޖީނު ރޫމަށް ލިބުނު ގެއްލުންތަކާ އެކު އޭގައި ވަނީ އަލިފާން ރޯވެފަ އެވެ. އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން ބުނީ ތިން ފަޅުވެރިއަކު ގެއްލިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އެ މީހުން ތިބީ އިންޖީނު ރޫމް ތެރޭގައި ތާށިވެފައި ކަމަށެވެ. ބާކީ ތިބި 20 ފަޅުވެރިން ވަނީ ރައްކާތެރިކަމާ އެކު އޮމާނަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން، ޖަޕާނުގެ ދިދަ ޖަހާފައިވާ ކޮންޓެއިނަރު އުޅަނދަކާއި މާޝަލް އައިލެންޑްސްގެ އުޅަނދަކަށް ވެސް އެކި ހާދިސާތަކުގައި ކުދިކުދި ގެއްލުންތައް ލިބިފައިވެ އެވެ.
ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ހަނގުރާމަ ފެށުނު ފަހުން ވަރަށް ބޮޑަށް މަދުވެފައިވާއިރު، މިއީ ދުނިޔޭގެ ހަކަތައިގެ ސަޕްލައި އާއި ކަނޑުމަތީގެ ސަލާމަތާ މެދު ކަންބޮޑުވުން އުފެދޭ ކަމެކެވެ.
އީރާނުން ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ