ލިވަޕޫލްގެ އައު ކެޕްޓަނަކަށްވާން އެންމެ ރަނގަޅު ކުޅުންތެރިއަކީ ހަންގޭރީގެ މިޑްފީލްޑަރު ޑޮމިނިކް އެސްޒޮބޮސްލާއީ ކަމަށް އެ ޓީމުގެ ލެޖެންޑަރީ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.
2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބުނީ ޒޮބޮސްލާއީގެ ކިބައިގައި ކެޕްޓަނެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި (މިހާރުގެ ކެޕްޓަން ވާޖިލް) ވެންޑައިކަށް ފަހު ބޭންޑް އަޅަން އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ އޭނާ. ސަބަބަކީ އޭނާ މޮޅަށް ކުޅެމުންދާތީވެ. އަދި ދަނޑުމަތީގައި ލީޑަރޝިޕް ދައްކާތީވެ. އޭނާ އެހުރީ ކުޅުންތެރިއެއްގެ އެންމެ ޕީކް އުމުރުގައި. އަހަރެން އުއްމީދު ކުރަނީ އޭނާ ލިވަޕޫލްގައި ދިގު މުއްދަތަކަށް މަޑުކުރާނެ ކަމަށް. އޭގެ ފައިދާ ކުލަބަށް ލިބޭނެ ކަމަށް. އޭނާ މިހާރުގެ ކުޅުމަށް ބަލާއިރު ބުނެވޭނީ އެދަނީ އުދުހެމުންނޭ،" ޗެމްޕިއަންސް ލީގުގައި ތުރުކީގެ ގަލަޓަސަރާއީ އަތުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ޖެރާޑް ބުންޏެވެ.
ހަންގޭރީގެ ގައުމީ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ކުޅުންތެރިޔާ އަކީ ކެޕްޓަނެއްގެ އަދި މޮޅު މީޑްފީލްޑަރެއްގެ ހުރިހާ ސިފަތަކެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށް ވެސް ޖެރާޑް ސިފަ ކުރި އެވެ.
"އޭނާ ވިސްނުން ވަރަށް ރަނގަޅު. އޭނާގެ ބޯޅަ ކޮންޓްރޯލިން އާއި ގޯލް ޖެހުމުގެ ހުނަރު ވަރަށް މޮޅު. ގޯލު ކުރިމަތީގައި އޭނާ އަކީ ކީޕަރުންނަށް ބިރަކަށް އެބަވޭ. އޭނާގެ ހިލޭ ޖެހުންތައް ވަރަށް ފުރިހަމަ. އޭނާއަށް ބޯލަ ލިބުނީމާ އުނދަގޫވެގެން ނޫޅޭ. އޭނާގެ ދުރު ވިސްނުން ރަނގަޅު. ޓީމު ލައްވައި ކުޅުވައިދޭ. އޭނާ އަބަދުވެސް ހުންނަނީ ޕެނަލްޓީ އޭރިޔާގެ ވަށައިގެން އެންމެ ނުރައްކާ އެކަކުގެ ގޮތުގައި. އޭނާގެ ޓައިމިންތައް ވަރަށް ރަނގަޅު. ކޯޗު ބޭނުންވާ ވަރަށް ގިނަ މަގާމުތަކަށް އޭނާ ކުޅޭ. ބައެއް ފަހު ކަނާތު ބެކުން ވެސް ފެނޭ. މިހެންވީމާ އޭނާ ފެންނަނީ އެހެން ކުޅުންތެރިންނާ ތަފާތުކޮށް،" ޖެރާޑް ބުންޏެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ސިފަ ކުރާ ގޮތުގައި ލިވަޕޫލްގައި ސްޓީވަން ޖެރާޑަށް ފަހު އޭނާއާ އެންމެ ވައްތަރު ސްޓައިލަކަށް ކުޅެމުންދާ ކުޅުންތެރިއަކީ ވެސް ޒޮބޮސްލާއީ އެވެ. ޖެރާޑް ލިވަޕޫލްގައި ބޭނުން ކުރި އަށް ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ޒޮބޮސްލާއީ ލިވަޕޫލަށް ގެނައީ 2023 ވަނަ އަހަރު އެކުލަބުގެ ކާމިޔާބު ކޯޗު ޔާގެން ކްލޮޕެވެ. އޭނާގެ ފަހުން އޭނާ ވަނީ މިހާތަނަށް 97 މެޗު ކުޅެ 14 ގޯލު ޖަހައިދީފަ އެވެ. ހަންގޭރީގެ ގައުމީ ޓީމަށް ވެސް މިހާތަނަށް އޭނާ ވަނީ 61 މެޗުން 17 ގޯލު ޖަހައިދީފަ އެވެ.
ލިވަޕޫލްގެ އައު ކެޕްޓަނަކަށް ވާންވީ ޒޮބޮސްލާއީ: ޖެރާޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ