ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއު ތެރެއިން 1،224 ޔުނިޓުގެ މަަސައްކަތް ސީއެމްއީސީއާއެކު ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ. ބީއެމްއެލްއިން ޖުމްލަ ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓުގެ މަސައްކަތް ކުރެއެވެ. މި ޔުނިޓުތައް ދޭނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މި މޮޑެލްއަކީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން މިލްކު ކުރެވޭ މޮޑެލްއެކެވެ. މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ. މި މަޝްރޫއަކީ ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށައިފައިވާ މަޝްރޫއުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ. ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއު ތެރެއިން 1،224 ޔުނިޓުގެ މަަސައްކަތް ޗައިނާގެ ސީއެމްއީސީއާއެކު ފެށުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު މި މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ދުވެލީގައި ކަމަށެވެ. އަދި އެންމެ ބޮޑަށް ފާހަގަކުރެވެނީ ރައީސްގެ ތަސައްވުރުގައި އަމަލީ ސިފަ ޖެހިގެންދާ މަންޒަރު އެހާ އަވަހަށް ފެނިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.ޝަރީފް އިތުރަށް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީއާއި އެހެނިހެން ސަރުކާރުގެ އިދާރާތަކުން ލިބެމުން އަންނަ އެއްބާރުލުމަކީ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. "މިއީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ސީދާ ފައިދާވުމުގެ ރަނގަޅު މިސާލެއް،" އޭނާ ވިދާޅުވިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިން އަށް ހާއްސަކުރަން ވަނީ ލާޒިމް ކޮށްފައެވެ. އެ ސިޔާސަތާ ގުޅުވައި ޝަރީފް ވިދާޅުވީ ގައުމީ ބޭންކް އަދި ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއިން މި މަޝްރޫއު ދެކެނީ ހަމައެކަނި ސިޔާސަތަށް އައި ބަދަލެއްގެ ގޮތުގައި ނޫންކަމަށާއި، މިއީ ގައުމީ ބޮޑު ޒިންމާއެއް ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ކޮންސްޓްރަކްޝަން ޕްރޮޖެކްޓަކަށްވުރެ ބޮޑު، ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ