ރޯދައިގެ މަދަރުސާއިން ދަސްކޮށްދިނީ ގޯސް ބަސްތައް ބޭރުނުކޮށް، ހެޔޮ އަމަލު ކުރަން: ރައީސް

ރޯދަމަސް ވަކިވެގެން ދިޔައީ ދޫތަކުން ރަނގަޅު ބަސްތައް މެނުވީ ނުބުނަމަށާއި ހެޔޮ އަމަލުތައް ގުނަވަންތަކުން ކުުރުމަށް ދަސްކޮށްދެމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ، މުސްލިމް އުންމަތަށް މިއަދު ރޯދަމަސް ނިމި، ފިތުރު އީދާ ބައްދަލުކޮށްފައިވާތީ، އެކަމުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގަ އެވެ.
ތަފްސީލު - ރައީސްގެ ހިތޯބުގައި ރޯދަމަހަކީ 'މަދަރުސާއެއް'ގެ ގޮތުގައި ސިފަކުރައްވައި އެ މަދަރުސާއިން ވަރަށް ގިނަ ކަންކަން ދަސްވެގެންދާ ކަމަށް ފާހަގަ ކުރެއްވި އެވެ.
"ވަކިވެގެންދިޔަ ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފަ އެވެ. ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމެވެ. ރަނގަޅު އަމަލުތައް މެނުވީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކުރުމެވެ. ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާއަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާ އެކު މުސްލިމުން ދެމިތިބުމަށް ބާރުއެޅުމެވެ،" ރައީސް ވިދާޅުވި އެވެ.
"ހުރިހާ މާނައެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމެވެ. ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިނެވެ."
ބަރަކާތްތެރި ރަމަލޯން މަހުގެ އަޅުކަމަށް ފަހު، މުސްލިމުންނާ ބައްދަލު ކުރާ ފިތުރު އީދު ދުވަހަކީ ވަރަށް ހާއްސަ މުނާސަބަތެއްކަން ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ. މި މުނާސަބާ ހާއްސަވާ އެއް ސަބަބަކީ، އެ މަނިކުފާނު ފާހަގަކުރެެއްވި ގޮތުގައި، ބަރަކާތްތެރި ރަމަލޯން މަހުގެ މަތިވެރި އަޅުކަމަށް ފަހު އައުމެވެ.
"[އީދު މި އައީ] އެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ އުންމީދާ އެކީގަ އެވެ. އެ މާތް މައްސަރުގައި ލައްވާފައިވާ ރުއްސެވުމާއި ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުން އަޅުގަނޑުމެންގެ މައްޗަށް، ދީލަތިވަންތަ ﷲ ހިންމަވައިދެއްވައިފި ކަމުގެ އިތުބާރާއި ހިތްހަމަޖެހުމާ އެކީގަ އެވެ،" ރައީސްގެ ހިތޯބު ފައްޓަވަމުން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
އީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކޮށް، އުފާ ފާޅުކުރުމަށް 
އެ އުފަލަކީ ރޯދައިގެ އަޅުކަން އަދާކުރެވުމުގެ ގޮތުން ކުރާ އުފަލެއް
އެ އުފާ ފާޅުކުރަންވާނީ ދީނުގެ ތަރަހައިގެ ތެރޭގައި
"އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތެވެ. އީދުގެ އުފާ ފާޅުކުރުން ވެސް އޮތީ އެގޮތުގަ އެވެ. އެހެންކަމުން، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު" ކަމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އޭގެ އިތުރުން، ރައީސް ހިތޯބުގައި ފާހަގަ ކުރެއްވި ކަންކަމަކީ:
ރޯދަ މަސް ނިމުނަސް ހެޔޮ އަމަލުތައް ކުރުން މަތީ ދެމިތިބުމަށް އެ މަނިކުފާނު ބާރު އެޅުއްވި 
މިފަހަރުގެ އީދު މުސްލިމް އުންމަތާ ބައްދަލު ކުރާއިރު، މި "އުންމަތް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި" ކަމަށް ވިދާޅުވި
ހާއްސަކޮށް ފަލަސްތީން އަދި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި މުސްލިމު އެތައް ބައެއް ތިބީ "ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި" ކަމަށް ވިދާޅުވި
"މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތެވެ،" ރައިސް އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ