ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން އެންމެންވެސް މަސައްކަތް ކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފިއެެވެ.
ސްޓެލްކޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެންކަމަށެވެ. ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައްލުކޮށް އިއްޔެ ކަރަންޓު ދީފައެވެ. މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވި ކަމަށެވެ. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެ ގެއްލުން މި ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ހާމަވެފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވަނީ، ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައި ކަމަށެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރާކަމަށްވެ ސްޓެލްކޯއިން ބުންޏެވެ.
ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރުމަށް ސްޓެލްކޯގެ އިލްތިމާސެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ