އިރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނުގެ އޮފިޝަލުންނާއެކު ބާއްވަން ނިންމާފައި އޮތް ބައްދަލުވުން ކެންސަލް ކޮށްފި އެވެ. އެއަށް ފަހު މުޒާހަރާގެ ބައިވެރިންނަށް ގޮވާލެއްވީ އިރާންގެ މުއައްސަސާތައް ހިސޯރު ކުރުމަށެވެ.
އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އިރާނުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިން މެރުން ހުއްޓާނުލަނީސް އެ ގައުމުގެ އެއްވެސް އޮފިޝަލަކާ ބައްދަލުނުކުރައްވާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ "އެހީ އަންނަނީ" ކަމަށާއި، ނަމަވެސް އެއީ ކޮން ފަދަ އެހީއެއް ކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
"އިރާނު ދެކެ ލޯބިވާ ރައްޔިތުންނޭ، މުޒާހަރާ ކުރިއަށް ގެންދޭ – ތިޔަބައިމީހުންގެ މުއައްސަސާތައް ހިސޯރުކުރޭ! އަނިޔާވެރިވާ މީހުންނާއި ގާތިލުންގެ ނަންތައް ނޯޓުކޮށް ބެލެހެއްޓާ. އެމީހުން އޭގެ އަގު ވަރަށް ބޮޑަށް ދައްކަން ޖެހޭނެ،" ޓްރުތް ސޯޝަލްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން ވަނީ އިރާނަށް އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި އިންޒާރުތަކެއް ދީފައެވެ. އެގޮތުން އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓު ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވަނީ އިއުލާނުކުރައްވާފައެވެ. ހަމައެއާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އަންގާފައެވެ.
އިރާނުގެ އޮފިޝަލުން މި ހަމަނުޖެހުންތަކުގެ އިލްޒާމް އަޅުވަނީ ބޭރުގެ ބާރުތަކުގެ ބޮލުގައެވެ. އީރާނުގެ ސަލާމަތީ މަޖިލީހުގެ ވެރިޔާ އަލީ ލަރީޖާނީ ވިދާޅުވީ، ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ އިރާނުގެ ރައްޔިތުން މެރުމުގެ ފަހަތުގައި ތިބި އަސްލު ގާތިލުން ކަމަށެވެ. އީރާނުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ދަނީ އިރާނުގެ ތެރޭގައި ހަމަލާދިނުމަށް އައިސިސްގެ ހަނގުރާމަވެރިން ބޭނުންކުރަމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މި މުޒާހަރާތަކުގައި މިހާތަނަށް 2,400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އެ ގައުމު ލީބިޔާ ނުވަތަ ސޫރިޔާ ފަދައިން ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި، ބޮޑު ހަމަނުޖެހުމެއް އުފެދިދާނެއެވެ. މި ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރާއި ފްރާންސުން ދަނީ ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިން އިރާންގެ މުއައްސަސާތައް ހިސޯރުކުރަން ޓްރަމްޕް ގޮވާލައްވައިފި މުޒާހަރާގެ ބައިވެރިން އިރާންގެ މުއައްސަސާތައް ހިސޯރުކުރަން ޓްރަމްޕް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ