އައްޑޫގެ
ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ
ސްޓޭޝަން (ސީ.ޕީ.އެސް) ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްފިއެވެ.
މި
މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި
ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚީލީ ސަލާމަތާއި
ފަންނިއްޔަތާބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ. މީގެ އިތުރުން އެންގްލޯ
ބެލްޖިއަން ކޯޕަރޭޝަންގެ ފަރާތުން މިޑްލް އީސްޓް، ނޯރތް އެމެރިކާ އަދި ސައުތު
އެފްރިކާއަށް ކަނޑައަޅުއްވާފައިވާ އޭރިއާ މެނޭޖަރ ކެޕްޓަން ވިންސެންޓް ޕިރީ، ޑެފިނިޓް
ސޮލިއުޝަންސްގެ ސީ.އީ.އޯ އަބްދުﷲ ސައީދު އަދި ރައްޔިތުންގެ މަޖިލީހުގެ
އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން މި ޙަފްލާގައި ބައިވެރިވެވަޑައިގަތެވެ.
މި ހަފްލާގައި ވާހަކަފުޅު
ދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު
ނަޖާޙް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ދުވަހެއްވީ
މައްސަލައެއް ކަމަށާއި، އެގޮތަށް އެކަން ދިމާވެފައިވަނީ، ދާއިމީ ޙައްލެއް
ހޯދައިދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި
ނުވުމުގެ ނަތިހޖާއެއްގެ ގޮތުންًކަމަށެވެ.
ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ޙަވާލުކޮށްގެން
ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ސި.ޕީ.އެސް ފުރިހަމަކުރަން ކުރަން ޖެހޭ
ހުރިހާ މަސައްކަތެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ
މަސައްކަތްވެސް ކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި
ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ
ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ
އުފެއްދުމެކެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު
އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ
އިންޖީނުތަކެކެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު
ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ
ޤާބިލްކަން ހުންނާނެއެވެ. މި މަޝްރޫޢު ފުރިހަމަވުމުން އައްޑޫސިޓީގެ ދުވަސްވީ
ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެން ދާނެއެވެ.
މީގެ އިތުރުންވެސް، އައްޑޫ ސިޓީގެ
ކަރަންޓާއި ފެނާ ނަރުދަމާގެ ޚިދުމަތް ރަނގަޅު ކުރުމަށްޓާކައި ވަރަށް ގިނަ
މަސައްކަތަކެއް ކުރެވި އަދި މިހާރުވެސް ކުރެވެމުންދާ ކަމުގައި މެނޭޖިނގ ޑިރެކްޓާރ
ފާހަގަ ކުރެއްވިއެވެ. އަދި ސީ.ޕީ.އެސް
މަޝްރޫޢު ނިމި ޚިދުމަތް ފެށޭއިރު، އައްޑޫ ސިޓީގައި ހުއްޓިފައިވާ ފެނަކައިގެ ދެ
އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އައު
އޮފީހެއްވެސް ލިބިގެންދާނެކަމުގައި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ