ޖަމާލުއްދީން ސުކޫލުގައި މިދިޔަ އަށް އަހަރުގެ ތެރޭގައި ބުލީ (ގަނާ) ކުރުމުގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިނުވާ ކަމަށް އެ ސުކޫލުން ބުނެފި އެވެ.
އެ ސުކޫލުން އެކަން ހާމަކުރީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމުންގެ މީހަކު ހޯދުމަށް އެދުނު މައުލޫމާތުގަ އެވެ. އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެ ސުކޫލުގައި ބުލީގެ އެއްވެސް މައްސަލައެއް ރިޕޯޓް ކޮށްފައިވޭތޯ ސާފުކޮށްދޭން އެދިފަ އެވެ.
އެ ސުވާލާއި ގުޅިގެން އެ ސުކޫލުން ބުނީ އެ މުއްދަތުގައި ގަނާ ނުވަތަ ބުލީގެ މައްސަލައެއް ހުށައަޅާފައި ނެތް ކަމަށެވެ.
މިއީ ތާރީހީ ކާމިޔާބީ އެކެވެ. އަދި ޖަމާލުއްދީން ސުކޫލު ތަފާތު ކަމުގެ ހެއްކެކެވެ. ބުލީ ނުވަތަ ގަނާ ކުރުމަކީ ސުކޫލުތަކުގައި ވަރަށް އާންމު ކަމެކެވެ. ކުދީންގެ ސިފައާ އެ ކުދީންގެ ހުންނަ ޖިސްމާނީ ނުވަތަ ނަފްސާނީ ކަންކަމާއި ގުޅުވައި ގަނާ ކުރުމަކީ އާންމު ކަމެކެވެ.
އެފަދަ ކަންކަމާއި ގުޅިގެން ބައެއް ކުދީން ސުކޫލަށް ދާން ޖެހިލުންވެ އެވެ. އަދި ސުކޫލަށް ދިއުން ހުއްޓާލާފައިވެސް ވެ އެވެ. އެފަދަ ކަންކަމުގެ ސަބަބުން ބައެއް ކުދީންނަށް ނަފްސާނީ ކަންކަމާއި ކުރިމަތިވެފައިވެ އެވެ. އަދި އަމިއްލަ ނަފްސާއި ފުރާނައަށް ނުރައްކާ ވާނެ ފަދަ ކަންކަމަށް ހުށައެޅިފައިވެ އެވެ.
ބުލީ ނުވަތަ ގަނާގެ މައްސަލަތައް ހުއްޓުވުމަށް ބައެއް ސުކޫލްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމުގެ ކަންބޮޑުވުންވެސް އޮވެ އެވެ.
ޖަމާލުއްދީން ސުކޫލު ތަފާތު: މިދިޔަ އަށް އަހަރު ބުލީގެ މައްސަލައެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ