އިންތިޚާބުތައް ގާތްވެފައި ވަނިކޮށް، ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

އަންނަ ހޮނިހިރު ދުވަހު މުހިންމު އިންތިޚާބުތަކެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކަނޑާލައިފިއެވެ. ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިޔާ ފުލެޓުތަކުގެ ވެރިންނަށް އެޗްޑީސީން ފޮނުވި ސިޓީއެއްގައި ވަނީ، އެ ޚަރަދު ސަރުކާރުން ދޭނެ ގޮތް ކިޔައިދީފައެވެ. އެ ސިޓީގައި ވަނީ، ކޮންްމެ ފުލެޓެއްގެ ފިނިޝިންއަށް ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓަށް ނުދެއްކި އޮތް އަދަދުން, ކުއްޔަށް ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ. ބަޔަކު ހިޔާ ފުލެޓެއްގައި: އެ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި ވަނީ ކަނޑާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ އަދަދަށް ފަހު، ބާކީ ކުއްޔަށް ދައްކަން ޖެހޭ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި ހަމަވަންދެން މަހަކު 5،300 ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެެ. އަދި، މެނޭޖުމަންޓު ފީ ދައްކަން ޖެހުނު ނަމަވެސް ހިޔާ ފުލެޓުތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ މެއި އެކެއް، 2028ގައެވެ. އެޗްޑީސީން އެ ސިޓީގައި ބުނި ގޮތުގައި، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓު ދީ ހަމަވުމުން، ފުލެޓުގެ އަގު ދައްކާ ޚަލާސްކުރެވެން ދެން މަހު ކުއްޔަކީ، 5،300 ރުފިޔާއެވެ. އެހެންވެ، މި ކަމާ ގުޅިގެން އެއްބަސްވުމަށް ގެންނަން ޖެހޭ ބަދަލުތައް ވީއެންމެ އަވަހަކަށް ގެނެވޭނެ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ. ހިޔާގެ 7000 ފްލެޓްގެ ކުލީގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހަމަ ޖެއްސެވީ, މަހަކު 8،500 ރުފިޔާއެވެ. ނަމަވެސް، އެ ވަރިކަމުގައި ރިޔާސީ އިންތިޚާބު އޮތް އަހަރު ވަނީ އެ ކުލި, 5،300 ރުފިޔާއަށް ކުޑަކޮށްފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެ ކުލި ވަނީ 3،984.21 ރުފިޔާއަށް ކުޑަ ކުރައްވައިފައެވެ. https://www.sun.mv/215614 މި ސަރުކާރުގައި ހިޔާ ފުލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކުގެ މަހު ކުލި 20 ޕަސެންޓާ ހަމައަށް ކުޑަކޮށް، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓު 50 އިންސައްތަ ކުޑަކޮށް، މަހު ކުލި 12 ވަރަކަށް ހާސް ރުފިޔާއަށް ކުޑަކޮށްފައެވެ. ބޮޑެތި ލޯންތައް ނަގައިގެން އަޅައިފައިވާ އެ ފުލެޓުތަކަށް ދެމުން އަންނަ ލުއިތަކާ ގުޅިގެން، އެ ފިޔަވަޅުތަކުގެ ދެމެހެއްޓެނިވި ކަމާ މެދު ކަމާ ގުޅުންހުރި ފަރާތްތަކުން މީގެ ކުރިން ސުވާލު އުފައްދައިފައިވެއެވެ. މީގެ އިތުރުން، އިންތިޚާބުތަކާ ގާތްކޮށް އެފަދަ ލުއިތައް ދިނުމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކުރެއެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނެއެވެ. އަދި މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވަން ސަރުކާރުން ބޭނުންވާތީ، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ވެސް ހަމަ އެ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ