އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، ރައީސް މުހައްމަދު މުއިއްޒު ވެވަައިގެންފައިވާ ވައުދު "ފުރިހަމަ ގޮތުގައި" ފުއްދުމަށް ކަމަށް ބުނެ، ހިޔާ ފްލެޓް ކުލި އެޗުޑީސީ އިން ދެ އަހަރު ދުވަހަށް މާފުކޮށްދީފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި ހިޔާ ފްލެޓްތަކުގެ ވެރިންނަށް އެގޮތަށް ނިންމާފައިވާކަން ހާމަކޮށް މިއަދުން ފެށީގެން ދަނީ ސިޓީ ފޮނުވަމުންނެވެ. އެެގޮތަށް ދެ ފްލެޓަކަށް ފޮނުވައިވާ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
ތަފްސީލު - އެ ސިޓީގައި ލިޔެފައިވާ ގޮތުން ކުއްޔަށް މި ބަދަލު މި ގެންނަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ 200،000ރ. ދޭނެ ކަމަށް "ރައީސުލުޖުމްހޫރިއްޔާ ވެވެޑައިގެންނެވި ވައުދުފުޅު އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި" ކަމަށެވެ.
އެ ވައުދު ފުއްްދުމަށްޓަކައި ސަރުކާރުން ވަނީ ޑިސެމްބަރު 2023ގައި ހިޔާގެ ޖުމްލަ އަގުން 100،000ރ. އުނިކޮށްފަ އެވެ. އަދި ބާކީވާ 100،000ރ. ހަމަކުރުމަށް ހަތް އަހަރަށް އެ ފްލެޓްތަކުގެ މަހު ކުލި 3،984.21ރ.އަށް ކުޑަކުރި ކަމަށް އޭރު ބުންޏެވެ. ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު ހިޔާ ފްލެޓްތަކުގެ ރަށްވެހިންނާ އެކު ރައީސް ބޭއްވި ބައްދަލުވުމުގައި އެ ވައުދު ހަގީގީ މާނައިގައި ނުފުއްދާ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅު ކުރި އެވެ. އަދި އެކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރައީސް ދެއްވި އެވެ.
އެޗްޑީސީގެ ސިޓީގައިވާ ގޮތުން:
200،000ރ.ގެ ޑިސްކައުންޓުން މިހާތަނަށް 135،714ރ. ނުދެވި ވާކަމަށް
އަދި ފްލެޓް ވެރިންގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި މަހު ކުލީގެ ޖުމްލަ ފައިސާ، އެ ޑިސްކައުންޓުގެ ބާކީބައިން އުނިކުރުމަށް ނިންމާފައިވާ
ބަރާބަރަށް ކުލި ދައްކަމުންދާ މީހުންނަށް ޑިސްކައުންޓުގެ ބާކީ ބައި އުނިކުމަށް 1 އެޕްރީލް 2026އިން ފެށިގެން 1 މެއި 2028އަށް (ދެ އަހަރަށް) ކުލި ދެއްކުން މެދުކަނޑަލެވޭނެ (ރެންޓް ފްރީ ޕީރިއަޑް)
ނަމަވެސް މިގޮތަށް ކުއްޔަށް ލުއި ދިން ނަމަވެސް، 1އެޕްރީލް 2026އިން ފެށިގެން މެނޭޖްމަންޓް ފީ ބަރާބަރަށް ދައްކަން ވާނެ
އެ އުސޫލުން، 200،000ރ.ގެ ޑިސްކައުންޓު ދީ ހަމަވަމުން، އަނެއްކާ ވެސް ފްލެޓްގެ އަގު ދައްކާ ހަލާސް ކުރެވެންދެން މަހު ކުއްޔަކީ، (މެނޭޖްމަންޓް ފީ ނުލައި) 5،300ރ. ކަމަށްވެސް ސީޓީގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދުމަށް 'ދައުރު'ން މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިންތިހާބަށް ހަތަރު ދުވަސް އޮތް އިރު، ސަރުކާރުން ދަނީ ގިނަ ވަޒީފާތަކަަށް މީހުން ނަގައި، ބައެއް މަޝްރޫއޫތަކުގެ ބިންގާ އަޅަމުންނެވެ. އެގޮތުން:
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ބޮޑު ކާރިސާއެއްގައި މުޅި ދުނިޔެވެސް އޮތް އިރު ރާއްޖެއަށް ވުރެ ބޮޑު އިގްތިސާދެއް އޮތް ގައުމުތަކުން ދަނީ ހަރަދު ކުޑަ ކުރުުމުގެ ފިޔަވަޅުތައް އަޅަމުން
ނަމަވެސް އެއާ ހިލާފަށް މި ސަރުކާރުން އިންތިހާބާ ދިމާކޮށް ކުރާ ހަރަދުތައް ދަނީ އިންތިހާއަށް ބޮޑު ކުރަމުން؛ ހަރަދު ކުޑަ ކުރުމަށް މާ ބޮޑު ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނޭ
މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަތަކާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވޭ
އިންތިހާބާ ދިމާކޮށް ވައުދު ފުއުްދުމަށް ކަމަށް ބުނެ ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރަށް މައާފުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ