މިސްކިތަށް އަރާއިރު ފައިވާނާއި ބޫޓު ފަދަ ތަކެތި ތަރުތީބުކުރުން: މިއީ ހަމައެކަނި ރިވެތި އަދަބެއް ނޫން، އެހެން މީހުންނަށް ކުރެވޭ އިޙްތިރާމެއް

އިސްލާމީ މުޖުތަމަޢެއްގައި މިސްކިތަކީ އެންމެ މުޤައްދަސް ބިނާއެވެ. މި ބިންމަތީގައިވާ ﷲގެ ގެކޮޅެވެ. އެ ތަނަކީ ހިތްހަމަޖެހުމާއި، ތަރުތީބާއި، ސާފުތާހިރުކަމުގެ ނަމޫނާއަކަށް ވާންޖެހޭ ތަނެކެވެ. ނަމަވެސް، ފަހަކަށް ފަރުޟު ނަމާދުތަކުގެ ވަގުތުތަކުގައި މިސްކިތްތަކުގެ ދޮރުމަތީން ފެންނަ މަންޒަރުތަކަކީ ހިތާމަހުރި މަންޒަރުތަކެކެވެ. ފައިވާނާއި ބޫޓުތައް، ރިވެތި އަދަބުތަކާ ޚިލާފަށް، އެކި ދިމާދިމާއަށް އުކާލެވިފައި ހުރުމަކީ މިއަދު އަޅުގަނޑުމެން އިޞްލާޙުކުރަން ޖެހިފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ނޫންބާވައޭ ހިތަށްއަރާތީ ކަމުގެ މުހިންމުކަމުން އެކަމުގެ މައްޗަށް ކުރުކުރުކޮށް ނަމަވެސް އެއްޗެއް ލިޔެލާހިތް ވީއެވެ. ބަލިމީހުންނާއި ކުޑަކުދިންނަށް އޮތް ނުރައްކަލެއް މިސްކިތުގެ ދޮރުމައްޗާއި ސިޑިމަތީގައި ތަރުތީބެއް ނެތި ފައިވާންތަކާއި ބޫޓުތައް ބެހެއްޓުމަކީ ހަމައެކަނި ބަލައިލަން ހުތުރު މަންޒަރެއް ނޫނެވެ. މިއީ މިސްކިތަށް ޖަމާޢަތަށް ނަމާދަށް އަންނަ އެކި ޢުމުރުފުރާތަކުގެ މީހުންނާއި، ބަލިމީހުންނާއި އަދި ކުޑަކުދީންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ލޮލުގެ ފެނުން ދަށް މީހަކު ނުވަތަ އަސާގަނޑެއްގެ އެހީގައި މަގުހިނގާ މީހަކު، ފައިދަށަށް އެގޮތްމިގޮތަށް އުކާލެވިފައިވާ ފައިވާންތަކުގައި އަޅައިގަނެ ވެއްޓި، ބޮޑު އަނިޔާއެއް ލިބުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އަދި މިފަދަ ކަންކަން ހިނގާފައި ވެސް އެބަހުއްޓެވެ. އުމުރުން ދޮށީ މީހަކު މިސްކިތަށް އަރަނީ -- ވަކީން ޚާއްޞަކޮށް ވިއްސާރަ ދުވަސްވަރުގައި، ތަރުތީބެއް ނެތި ފައިވާންތަކާއި ބޫޓު ފަދަ ތަކެތި އެގޮތްމިގޮތަށް އުކާލާފައި ބެހެއްޓުމުން، މިސްކިތަށް ވަދެނިކުމެ އުޅޭ މަގު ހަނިވެ، މިސްކިތަށް އަރާފައިބާ ހެދުމުގެ ތެރޭގައި ކުޑަކުދީންނަށާއި ބަލިމީހުންނަށް ވެސް އަނިޔާވުން ފަދަ ހާދިސާތައް ހިނގުމުގެ ފުރުޞަތު ބޮޑެވެ. "މުސްލިމަކީ އެ މީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ" ކަމަށް ރަސޫލާ (ޞޢވ) ޙަދީޘްކުރައްވާފައިވާ ބަހުގެ މާނައާމެދު އިތުރަށް ވިސްނާ އަޅުގަނޑުމެން ޢަމަލުން އެކަން ދައްކަން އެބަޖެހެއެވެ. އިސްލާމީ ރިވެތި އަދަބުތަކާއި ތަރުތީބުކުރުން އިސްލާމް ދީނަކީ ސާފުތާހިރުކަމާއި ތަރުތީބުކުރުމުގެ ދީނެވެ. މިސްކިތާއި ގޯތިގެދޮރަށް ވަންނައިރު ކަނާތުފައި އިސްކޮށްގެން ވަނުމާއި، ފައިވާނާއި ބޫޓު ބާލާއިރު ވާތުފައިން ފެށުން ފަދަ ކުދިކުދި އަދަބުތަކަށް ސަމާލުކަންދޭ ފަދައިން، ބާލާ ފައިވާނާއި ބޫޓު ފަދަ ތަކެތި އެހެން މީހަކަށް އުނދަގޫ ނުވާނެހެން ރީތިކޮށް ބެހެއްޓުމަކީ ވެސް އިސްލާމީ ރިވެތި އަދަބެކެވެ. މާލެއާއި ރަށްރަށުގެ ގިނަ މިސްކިތްތަކުގައި ފައިވާނާއި ބޫޓު ފަދަ ތަކެތި ބަހައްޓާނެ ހަރުގަނޑު ފަދަ ތަކެތި ބަހައްޓާފައި ހުރެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއް ސަލާމަތްކޮށްލުމުގެ ބޭނުމުގައި، ހަރުގަނޑާ ހަމައަށް ނުގޮސް ދޮރުމައްޗަށް ފައިވާން ނުވަތަ ބޫޓު ދޫކޮށްލާފައި ދިއުމަކީ އަޅުގަނޑުމެންގެ ކިބައިގައި ހުރި ނުރަނގަޅު އާދައެކެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ނުހަނު ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހުމުގެ އިތުރުން އެއީ މިސްކިތުގެ މުޤައްދަސްކަމަށް އުނިކަން އަންނަ ކަންކަން އަޅުގަނޑުމެން ހަނދާންކުރަން ޖެހެއެވެ. އިޞްލާޙީ ފިޔަވަޅެއް: އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް މިފަދަ ކަންކަން އިޞްލާޙުކުރުމަށްޓަކައި ބޮޑެތި ޤާނޫނުތަކަކަށް ވުރެ ބޮޑަށް ބޭނުންވަނީ އަމިއްލަ ނަފުސުގެ ހޭލުންތެރިކަމެވެ. އަމިއްލައަށް ނަމޫނާ ދެއްކުމުގެ ގޮތުން ތިމާ ފައިވާން ބާލާއިރު އެހެން މީހުން ވެސް ހިނގާ މަގަށް ހުރަސްނުވާނެހެން، ފައިވާން ހަރުގަނޑުގައި ނުވަތަ ދޮރުމަތިން ދުރަށް ޖައްސާލާ ތަރުތީބުން ބެހެއްޓުން އާދައަކަށް ހަދަމާތޯއެވެ. އޭގެ އިތުރުން ދަރީންނަށް ރަނގަޅު ގޮތް ދަސްކޮށްދިނުމުގެ ގޮތުން މިސްކިތަށް ކުދީން ގޮވައިގެން ދާއިރު، ފައިވާން ރީތިކޮށް ބަހައްޓަން އެ ކުދީންނަށް ޢަމަލުން ދަސްކޮށްދޭން ޖެހެއެވެ. އިސްލާމް ދީނާކީ ރިވެތި ނަމޫނާ ދެއްކުމުންނާއި ނަޞޭޙަތްތެރިވުމުން ކަންކަން އިޞްލާޙުކުރުމަށް ބާރުއަޅާ ދީނެވެ. އެގޮތުން މިސްކިތުގެ ދޮރުމަތި ފައިވާނާއި ބޫޓު ފަދަ ތަކެތީން ގަނޑުބަޑުވެފައި އޮންނަ ނަމަ، ރިވެތި ބަހުން އެކަކު އަނެކަކަށް ހަނދާންކޮށްދިނުން ވެސް އެއީ މުހިންމު ކަމެއް ނޫންބާވައޭ ހިތަށްއަރައެވެ. މާލޭގެ މިސްކިތެއްގެ ވަންނަ މައި ސިޑި ކައިރި ފައިވާނާއި ބޫޓު ބަހައްޓައިފައި -- ކޮންމެއަކަސް، މި ލިޔުމުގައި ވަރަށް ޚުލާޞާކޮށް ނަމަވެސް ބަލައިލެވުނީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާ ކަމެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން މެދުވެރިވެދާނެ ހިތާމަވެރި ޙާދިސާތަކުގެ ވާހަކައެވެ. މިފަދަ ކަންކަން އިޞްލާހުކޮށް އެ ނުރަނގަޅު އާދަދޫކޮށްލައި ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުން، މިސްކިތް ތަކަށް ނަމާދަށްދާ އެކި ޢުމުރުފުރާތަކުގެ މީހުންނާއި ބަލިމީހުންގެ އިތުރުން ކުޑަކުދީންނަށް ވެސް އެތައް ފަސޭހަތަކެއް ލިބުމުގެ އިތުރުން ދެރަ ގޮތްތަކެއް ވުމުން ސަލާމަތްވުމަށް މަގުފަހިވާނޭ ކަމެއްކަމުގައި ދެކެމެވެ. މިއީ ވަރަށް ކުޑަކުޑަ އަދި އާދައިގެ ކަމެއްގެ ގޮތުގައި ފެނުނަސް، މިއީ އަޅުގަނޑުމެންގެ އަޚްލާޤާއި، އެހެން މީހުންނަށް ބަހައްޓާ އިޙްތިރާމް ހާމަކޮށްދޭ ކަމެކެވެ. މިސްކިތަކީ ހުރިހައި ގޮތަކުންވެސް ރިވެތި ނަމޫނާ ފެންނަ ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާށެވެ. މިފަދަ ކޮންމެ ކަމެއްގެ ޙައްލަކީ ޤާނޫނެއް ހެދުން ކަމަށާއި ނަމާދު ވަގުތުތަކުގައި މިސްކިތްތަކުގެ ކައިރީގައި ފޯރިމަރަން ފުލުހުން ބޭތިއްބުން ކަމުގައި ނުދެކި ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުން ކަމުގައި ދެކިގެން މި ނުރަނގަޅު އާދަ އަޅުގަނޑުމެންގެ މުޖުތަމަޢުން ފޮހެލާ އިޞްލާޙުކުރެވޭތޯ ބަލަމާތޯއެވެ. ﷲގެ ގެކޮޅަށް ދޭންޖެހޭ ޙައްޤު އިޙްތިރާމާއި ޤަދަރު ދެއްވާށެވެ. ތިމާ ފަދަ ތިމާގެ އަޚާއަށް ހެޔޮގޮތްތައް އެދޭށެވެ. ބަހާއި ޢަމަލުން ނަމޫނާ ދައްކާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ